Last Updated: July 23, 13:11
Thursday, July 23, 2026
ދުނިޔެ

ޗާލްސްގެ ތަސްވީރާ އެކީ ޕައުންޑް ނެރެނީ

އިނގިރޭސި ތަހުތާ މިހާރު ހަވާލުވެވަޑައިގެންނެވި ހުންނެވި ރަސްގެފާނު ޗާލްސްގެ ތަސްވީރާ އެކީ އިނގިރޭސި ޕައުންޑްގެ އާ ނޫޓްތަކެއް ނެރެން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗާލްސްގެ ތަސްވީރާ އެކީ ނެރޭ ނޫޓް އަހަރުގެ ފަހުކޮޅު ދައްކައިލާނެ ކަމަށެވެ. ޗާލްސްގެ ތަސްވީރު ހިމަނައިގެން ނެރެން ނިންމާފައި 50،20،10 އަދި 5 ގެ ނޫޓެވެ.

މި ނޫން ޕައުންޑަކަށް އެއްވެސް ބަދަލެއް ގެންނާކަށް މި ވަގުތު ނިންމާފައި ނުވާ ކަމަށް ބޭންކް އޮފް އިންގްލޭންޑުން ބުންޏެވެ. ޗާލްސްގެ ތަސްވީރު ހިމަނައިގެން ނެރޭ ނޫޓްތައް އިގުތިސާދުގެ ތެރޭގައި ދައުރުކުރަން ފަށަން ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ބޭންކް އޮފް އިންގްލޭންޑުން ބުނި ގޮތުގައި ރާނީ އެލިޒަބަތު ތަސްވީރު ޖެހި ފައިސާ އަކީ އެ ގައުމުގެ ތާރީހާއި އާދަކާދަތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވެފައިވުމާ އެކީ ރާނީގެ ތަސްވީރު ޖެހި ޕައުންޑްތަކަށް ބަދަލު ގެންނާނީ އެ ފައިސާގެ ހާލަތަށް އަންނަ ބަދަލުތަކަކާ އެކީ މަޑުމަޑުންނެވެ. އެގޮތުން މިހާރު ދައުރުވާ ނޫޓްތައް ހަލާކުވުން ފަދަ ކަންކަމާ ހެދި ނޫޓްތައް އާ ކުރަން ޖެހޭ ހާލަތްތަކުގައި ނޫޓްތަކަށް ބަދަލުތަައް ގެންނާނެ ކަމަށް ބުންޏެވެ.

އިނގިރޭސިވިލާތުގެ ތަހުތުގައި 70 އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވުމަށް ފަހު ރާނީ އެލިޒަބަތު ދޭއް އުމުރުން 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8 ގަ އެވެ. އެއާ އެކީ ދޮށީ ދަރިކަލުން ޗާލްސް، 73، ވަނީ ތަހުތާ ހަވާލުވެވަޑައިގެންފަ އެވެ.