ރާއްޖޭގެ އިގްތިސާދީ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލުމުގެ ބިރު ހީވާ ހިސާބަށް ގޮސްފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވީޑިއޯ މެސެޖެއްގައި ނާޒިމްވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކޮށްފައެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާ އޭރުގެ ހާލަތާއި ދާދި އެއްގޮތްކަމުގައި ދެންނެވިދާނެ ކަމަށާއި، މިއަދު ދިވެހިންގެ އަގީދާ ބަލިކަށިކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ފާހިސްޝް ކަންކަމަށް އަރައިގަނެ އަނެކާގެ ހައްގަށް އަރައިގަތުމަކީ މާބޮޑުކަމަކަށް މިއަދު ނުވާ ކަމަށާއި، މިއީ ވަރަށް ހިތާމަވެރިކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މިކަންކަމުން ދުރުވުމަށް ގޮވާލެއްވިއެވެ.
ނާޒިމް ވިދާޅުވީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ފަހިކުރުމުގެ ނަމުގައި ކުރަމުންގެންދާ ކަންތައްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލުމުގެ ބިރު ހީވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"ބޭރުގެ އިންވެސްޓްމެންޓްތަކަށް ކަންކަން ފަހިކުރުމުގެ މާނައަކީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ކޮންޓްރޯލާ، ދިވެހިރާއްޖޭގެ އިގްތިސާދީ ކޮންޓްރޯލް ދިވެހިންގެ މުށުން އެއްކޮށް ދޫވެގެން ދާންޖެހޭ ސަބަބެއް ނޫން. އަދުގެ ރާއްޖޭގެ އިގްތިސާދީ މިސްރާބަށް ބަލާއިރު ދެންނެވޭނީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލް އަޅުގަނޑުމެން ދިވެހިންގެ އަތުން ގެއްލިގެން ދިއުމުގެ ބިރު ހީވާ ހިސާބަށް ގޮސްފައިވާކަން. ލޯނު ނުގަނީ އެއްވެސް ބެލުމެއްނެތި، ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ގައުމުގެ އިގްތިސާދު ކުރިއެރުވުމަކަށް ނޫން. ނަމަވެސް ރިޔާސީ ތަހުތުގައި ދެމިތިބުމަށް، ގާތްމީހުންނަށް މަންފާތަކެއް ހޯދައިދިނުމަށް." ނާޒިމް ވިދާޅުވިއެވެ.
މި ވީޑިއޯ މެސެޖުގައި ނާޒިމް ވިދާޅުވީ ތަރައްގީގެ ނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން އަންނަކަމަށެވެ. އެކަމުގެ މިސާލެއްގެގޮތުން ނާޒިމް ނެންގެވީ އަމީނީ މަގު ހެދުމުގެ މަސައްކަތެވެ. އެގޮތުން ކުރިން އާރްޑީސީއަށް އެ މަސައްކަތް ހަވާލުކޮށްފައިއޮތް އަގަށްވުރެއް ދެގުނަ ބޮޑުކޮށް ފަހުން ހަމަ އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތަށް ރައްޔިތުންގެ ފައިސާ ހިތުހުރިގޮތަކަށް ހަރަދުކުރުމަކީ އެމްއެންޕީން ކަންބޮޑުވާކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ގައުމިއްޔަތު އިސްކުރުމަށް ދިވެހިންނަށް ގޮވާލާފައެވެ. އަދި އެމްއެންޕީން އިސްކުރާނީ ގައުމިއްޔަތުކަން ފާހަގަކުރެއްވިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ދެއްވާ މެސެޖް pic.twitter.com/8DYzdqSzft
— Maldives National Party (@MNP_Secretariat) September 27, 2022
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، މުޙައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައެވެ.