ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމަނިކުފާނު ކުޑަހުވަދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ. މިދަތުރުފުޅާ ބެހޭ ތަފުސީލެއް އަދި ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ރައީސް ޔާމީން ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވަން ފައްޓަވާފައެވެ. އެގޮތުން އޭރު އެމަނިކުފާނު އެކި ރަށްރަށަށް ދަތުރުކުރައްވާފައިވަނީ "އިންޑިއާ އަައުޓް" ހަރަކާތް ހިންގެވުމަށެވެ. ނަމަވެސް އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައެޅުމާ ގުޅިގެން ރައީސް ޔާމީން ރަށްތަކަށް ކުރެއްވި ދަތުރުތައް އޮތީ ހުއްޓިފައެވެ.
މިއީ އޭގެފަހުން ރައީސް ޔާމީން ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ ބޮޑުހިޔާނާތުގެ ތުހުމަތުކުރެވޭއިރު، އެ ހިޔާނާތުގައި ހިމެނޭ ދެ ރަށެއްގެ މައްސަލައިގައި މިހާރުވެސް އޮތީ ދައުވާކޮށްފައެވެ. އޭގެތެރެއިން ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނައިރު، އެ މައްސަލައިގައި ހެކިންގެ ހެކިބަސް ނަގާނިމި ދެން އޮތީ ހެއްކާގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެކަމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހަށެވެ.