Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އުތީމަށް 24 އަހަރު ފަހުން އާ އިންޖީނުގެއެއް

ހއ.އުތީމުގައި 24 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ފެނަކަ އިން ބުނީ އުތީމުގައި 24 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މިއަދުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

އުތީމު އާ އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ވޯލްޓްގެ ހަތަރު ޖެެންސެޓް ބެހެެއްޓޭ ގޮތަށެވެ. މިވަގުތު ވެސް 1000 ވޯލްޓްގެ ކެޕޭސިޓީގެ އިންޖީނު ބަހައްޓާފައިވެ އެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.