Last Updated: July 23, 13:11
Thursday, July 23, 2026
ދުނިޔެ

ސައުދީގެ ބޮޑުވަޒީރަކަށް ޕްރިންސް މުހައްމަދު

ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އައްޔަންކުރައްވައިފި އެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ނެރުއްވި ގަރާރަކުން މި މަގާމަށް ޕްރިންސް މުހައްމަދު އައްޔަން ކުރެއްވުމުގެ އިތުރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތަކަށް ވެސް ބަދަލު ގެންނަވާފަ އެވެ. އެގޮތުން ރަސްގެފާނުގެ ދަރިކަލުން ޕްރިންސް ހާލިދު ބިން ސަލްމާން އަލް ސައުދު ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

ރަސްގެފާނުގެ އިތުރު ދަރިކަލެއް ކަމަށްވާ ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން އަލް ސައުދު ވަނީ އެނާޖީ މިނިސްޓަރު ކަމަށްވެސް އައްޔަން ކުރައްވާފަ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އިންވެސްޓްމެންޓް މިނިސްޓްރީގެ މަގާމުތަކަށް ބަދަލު ގެންނަވާފައެއް ނުވެ އެވެ.

ޕްރިންސް މުހައްމަދަކީ މީގެކުރިން ސައުދީގެ ޑިފެންސް މިނިސްޓަރުކަން ފުރުއްވަމުން ގެންދެވި ފަރާތެވެ. ނަމަވެސް ރަސްގެފާނުގެ އަމުރަށް ގައުމު ހިންގެވުމުގެ އެކި ޒިންމާތައް މިހާރުވެސް މައިގަނޑު ގޮތެއްގައި އަދާކުރައްވާ ފަރާތަކީ ޕްރިންސް މުހައްމަދެވެ.

ސައުދީގެ ބޮޑުވަޒީރު ކަމަށް ޕްރިންސް މުހައްމަދު އަދި ސަރުކާރުގެ އެކި މަގާމުތަކަށް ބަދަލުތައް ގެނައި ސަބަބެއް އެގައުމުން ހާމަކޮށްފައެއް ނުވެ އެވެ.