މުސާރައިގެ ބަދަލާއެކު ކިޔަވައިދިނުމުގެ ދާއިރާއާ ގުޅޭ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ، ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު ތައުލީމީ ދާއިރާއަށް ކިހާވަރެއްގެ ހެޔޮ ބަދަލެއް އައިސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތް އަލީ ވިދާޅުވީ، މި ސަރުކާރުން މުދައްރިސުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ދިރާސާއެއް ކުރި ކަމަށެވެ. އެ ދިރާސާގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުސާރަ ކުޑަ ވުމާ، ރިސޯސަސް ނުލިބުން ފަދަ ކަންތައްތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އައިޝަތް އަލީ ވިދާޅުވީ މިސަރުކާރުން އެ ދިރާސާއަށްބަލައި އަދި ރައީސްގެ ވައުދުގެ ދަށުން މުދައްރިސުންގެ މުސާރަ ބޮޑުކުރެވިފައިވާ ކަމަށެވެ. އަދި މުސާރައިގެ ބަދަލާއެކު ކިޔަވައިދިނުމުގެ ދާއިރާއަށް ގުޅެން ބޭނުންވާ ފަރާތްތަކުގެ އަދަދު އިތުރުވިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
"އެދެވޭ ބަދަލެއް ތައުލީމީ ދާއިރާއިން ފެންނަން ވަގުތުކޮޅެއް ނަގާނެ. މިދިޔަ މޭ މަހު މުސާރަ ބޮޑުވީ، އެހެންމަ އޭގެ އިމްޕެކްޓެއް އަންނަން ދުވަސްކޮޅެއް ނަގާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މުސާރައިގެ ބަދަލާއެކު ޓީޗަރުންގެ މޯޓިވޭޝަންއަށް އަދި އިތުރަށް މިދާއިރާއަށް ގުޅެން ބޭނުންވާ ބޭބޭފުޅުންގެ ޝައުގުވެރިކަން އިތުރުވެގެން ދިއުމުން، މިއީ ހެޔޮ ބަދަލެއްކަމުގައި މިހާރުވެސް ފާހަގަކުރެވޭ ކަމަށް މިނިސްޓަރު އައިޝަތް އަލީ ވިދާޅުވިއެވެ.