ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.
ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ ރޭ ސްޓެލްކޯގައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މިހާތަނަށް ނުވިކި ހުރީ ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ އެޕާޓްމެންޓްގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓް ކަމަށެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބި ކަމަށާއި، އަދި 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 235 ސްޓާފުން ތިބި ކަމަށް ސްޓެލްކޯއިން ބުނެއެވެ. ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާއިރު، މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް 25 ސެޕްޓެމްބަރ ގައި ސާރކިއުލާރއަކުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެން ކަމަށެވެ. އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީން ކަމަށްވެސް ބުނެފައިވެއެވެ.
ނުވިކިހުރި ޔުނިޓްތަކަށް ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ނަގާފައިވެއެވެ. މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްއެވެ.