Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމްގެ މެމްބަރުން އެމްއެންޕީއަށް ވަގަށް ގެންދާކަމުގެ ތުހުމަތު

މެމްބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީޕީއެމްގެ އާންމު މެމްބަރުން މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ވަގަށް ގެންދާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން ޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެބޭފުޅުން ޕީޕީއެމަށް ވައްދާ މީހުން، ދެވަނަ ދުވަހު ބަލާލާއިރު ޕާޓީގެ ދަފްތަރުގައި ނޯންނަކަމަށާއި، އެމެންބަރުން ތިބެނީ އެމްއެންޕީ ކަހަލަ "ކުދި ޕާޓީތަކަށް ކަހާލާފައި" ކަމަށެވެ. އަދި ބޮޑެތި ޕާޓީތަކުގެ މެމްބަރުން ވަގަށް ގެންގޮސްގެން ޕާޓީ ވުޖޫދުގައި ބޭއްވުމަކީ އެމްއެންޕީގެ ވަރަށް ބޮޑު އެޖެންޑާއެއް ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން ވަގަށް ގެންގޮސްފަތިބި ބޮޑު އިންސައްތައެއް އޮތީ އެމްއެންޕީއަށް ގެންގޮސްފަ." ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރުން ވަގަށް އެމްއެންޕީއަށް ގެންދިއުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރެއްވެސް ހިމެނޭކަމަށް ތުހުމަތު ކުރައްވާ ޝިޔާމް ވިދާޅުވީ، އީސީގެ ތެރެއިން އެކަންކުރަނީ ސީދާ ކާކުކަން ނޭންގޭ ކަމަށެވެ. މިކަމުގައި އީސީއާއެކު ތަކުރާރުކޮށް މަޝްވަރާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިގޮތަށް މިކަންވުމަށް އިލެކްޝަންސް ކޮމިޝަނުން ދޫކޮށްލައިގެން ތިބޭނަމަ މިނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.