ރައްޔިތުންގެ މަޖިލިސް ކުނިގޮނޑަކަށް ވެފައިވާކަމަށާއި، ރަނގަޅު މަސައްކަތެއް ނުކުރެވޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ، ބައެއް ޤާނޫނުތަކަށް ތަކުރާރުކޮށް އިސްލާހު ގެންނަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މާގިނައިން އިސްތިއުފާދެނީ ކީވެތޯބަލާ އެކަމަށް ހައްލުހޯދުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލިސް ޕެރެލައިޒް ކޮށްފައިވާ ކަމަށާއި، ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ސަރުކާރުން ފޮނުވާހާ އެއްޗެއް މަޖިލީހުން ފާސްކުރުމުގެ ނަތީޖާއަކީ ތަކުރާރުކޮށް ޤާނޫނުތައް އިސްލާހުކުރަންޖެހުން ކަމަށެވެ.
"މި މަޖިލިސް މިހާރު ވެގެންމިދަނީ ހަމަސީދާ ކުނިގޮނޑަކަށް. މި މަޖިލީހަކުން މިހާރު ރަނގަޅު މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެންނަށް އެބަ އިނގޭ ވެގެންދާގޮތް. ސަރުކާރުން ހަމަ ހަގީގަތުގައިވެސް ޕެރެލައިޒް ކޮށްލާފައިއޮތީމަ މިކަން މިހެންމިވަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ފޮނުވާ ކޮންމެ އެއްޗެއް މަޖިލީހުން ފާސްކުރުމަށްފަހު ފޮނުވާ ކަމަށާއި، ސަރުކާރުން ބޭނުންވާގޮތްނޫން އެހެންގޮތަކަށް އެއްޗެއް ފާސްނުވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ކޮންމެ އެއްޗެއް މަޖިލީހަށް ފޮނުވިނަމަވެސް ފާސްކުރާނެކަން ފާހަގަކޮށް ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުތައް ތަކުރާރުކޮށް އިސްލާހު ކުރަންޖެހޭ ކަމަށެވެ.