ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ސައީދު އަލީއާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖޭއެސްސީން ތަހުޤީޤު ކުރަމުންދަނިކޮށް، އަހުމަދު ސައީދު އަލީ ސެޕްޓެންބަރު 06 ގައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނި އަހުމަދު ސައީދު އަލީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުމުން ޖޭއެސްސީން ތަހުގީގު ކުރެވެމުންދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން އެ ތަހުގީގު ހުއްޓާލާ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން މިމައްސަލަ ޖޭއެސްސީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.