Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ކޮންމެ ސްކޫލެއްގައި އޭލެވެލް އުފެއްދުން ފީސިބަލްއެއް ނޫން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮންމެ ސްކޫލެއްގައި އޭލެވެލް އުފެއްދުމަކީ ފީސިބަލް ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ މާލޭގައި އަމީނިއްޔާ، މަޖީދިއްޔާ ފަދަ ސްކޫލްތަކުގައި 11، 12 އަށް ކިޔެވޭނެ ގޮތެއް ނެތްކަން ފާހަގަކޮށް ހަމަ އެކަނި ސީއެސްއެޗްސީ ހުރުމުގެ ސަބަބުން ދިމާވާ ޖާގައިގެ ދަތިކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކޮންމެ ސްކޫލެއްގައި އޭލެވެލް ތައާރަފް ކުރުމަކީ ފީސިބަލް ކަމެއް ނޫން ކަމަށެވެ.

"އެއީ އަޅުގަނޑުމެން 11، 12 ތައާރަފްކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓްރީ ޑިވެލޮޕްކުރަން ޖެހޭ، ވަރަށް ރަނގަޅު މުދައްރިސުން އެތަންތަނަށް ފޯރުކޮށްދޭން ޖެހޭ. އެހެންވީމާ އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11، 12 ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ އަޅުގަނޑުމެންގެ ފޯކަސް ހުރީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސީއެޗްސީގައި މިހާރު އަޅަމުން އަންނަ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެސްކޫލުގައި ކިޔަވައިދޭ ކުދިންގެ އަދަދު ދެގުނައަށް އިތުރުކުރެވޭނެ ކަމަށެވެ.