Last Updated: June 29, 19:00
Monday, June 29, 2026
ސިޔާސީ

"ރިޝްވަތު ދިން ކަމަށް ބުނެ ކޯޓަށް ދިއުމަކީ ޖޯކެއް"

ހުސެއިން ސާލިހް އަށް މަރުހަބާ ކިއުމަށް އެއާޕޯޓަށް ދިޔަ ޒުވާނުން ތަކަކާއި ބައްދަލުކުރަނީ.

ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ހިޔަލީ މުހައްމަދު ރަޝީދު ނޫން ދެން ތިބި ދެ ކެންޑިޑޭޓުން ރިޝްވަތުދީގެން އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނެ އިންތިހާބް ބާޠިލް ކުރުމަށް ކޯޓަށް ހުށަހެޅުމަކީ މި ގަރުނުގެ ބޮޑު ޖޯކުކަމަށް ހިޔަލީ އާ އެކު ހިތަދޫ މެދު ދާއިރާ އަށް ވާދަކޮށް ނާކާމިޔާބްވި އަމިއްލަ ކެންޑިޑޭޓް ހުސެއިން ސާލިހް ވިދާޅުވެއްޖެ އެވެ.

ހުސެއިން ސާލިހް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވީ ކާކުކަން ހިތަދޫގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެގޭކަމަށެވެ.

"ކޮން ކެންޑިޑޭޓެއް ދައުލަތުގެ މުދާ ހިފައިގެން ބޮޑު ބެނާ ޖަހައިގެން، ސަރުކާރު މުވައްޒަފުން ބޭނުންކޮށްގެން ބޮޑެތި މަޝްރޫއު ފެއްޓީ؟ ކާކު ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާ ވަޒީފާއިން ވަކި ކުރުމަށް އިންޒާރު ދިނީ؟ އަދި އިއްލާން ކުރުމެއް ނެތި ވަޒީފާ ދެމުން ދިޔައީ. މީ އޮޅުވާލެވޭނެ ކަންކަމެއް ނޫން." ހުސެއިން ސާލިހް ވިދާޅުވި އެވެ.

HJHJH

ހުސެއިން ސާލިހް ވިދާޅުވީ މެދު ދާއިރާގެ ރައްޔިތުން ވޯޓުދީ އިންތިހާބް ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ބްރގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ކަމަށާއި އެކަން ގަބޫލް ކުރަން ޖެހޭ ކަމަށެވެ.

"މިއޮތީ ހާމަކަން ބޮޑުގޮތަށް ފެންނަން ނޫންތޯ 200އެއްހާ ވޯޓު ތަފާތުން އިބްރާހިމްދީކަން އިންތިހާބް ކާމިޔާބް ކުރީ، ރައްޔިތުން ބަލައި ނުގަތްކަން، ދެން ރިޝްވަތޭ ކިޔައިގެން ކޯޓަށް ދިއުމަކީ ބޮޑު ޖޯކެއް." އޭނާ ވިދާޅުވި އެވެ.

ހުސެއިން ސާލިހް އަދި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ކޮންމެ ދުވަހަކު އިންތިހާބް ބޭއްވިޔަސް ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ހިޔަލީ ބަލައި ނުގަންނާނެ ކަމަށެވެ.

ހުސެއިން ސާލިހް ވިދާޅުވީ "ބަލި" ކުދިން އަތުން ވޯޓު ގަންނަން ބުނެ ވާހަކަ ދައްކަމުން އުޅުނީ އިބްރާހިމްދީ އާއި އޭނާ ނޫން ކަމަށެވެ. އަދި ވޯޓު ގަތުމަށް ބެޑްރޫމް ސެޓާއި، އައިޕެޑް ބެހީ ކާކުކަން ހިތަދޫ މެދު ދާއިރާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ރައްޔިތުން މިއަދު އެހާ ގަމާރެއް ނޫން، ކަރާއަކަށް ކުޑަ ފައިސާކޮޅަކަށް ވޯޓު ވިއްކާލަން، އެއަށް ވުރެ ރައްޔިތުން މާ ހުޝިޔާރު، އެހެންވެ ފެއިލްވީ." އޭނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ އިންތިހާބް ބާޠިލް ކުރުމަށް އެދި ހިޔަލީ ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ ޝަރީއަށް އިއްޔެ ވަނީ ބާއްވަެއިފަ އެވެ. '

އިއްޔެގެ ޝަރީއަތުގައި ހިޔަލީގެ ވަކީލް ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދީފައިވާކަން ސާބިތު ކުރުމަށްޓަކައި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހޯއްދެވުމަށް ކޯޓުގައި އެދިފަ އެވެ.

އިއްޔެގެ މައްސަލައަށް މެދު ދާއިރާގެ އިންތުހާބް ކާމިޔާބް ކުރެއްވި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ ވަނީ ތަދައްހުލް ވެވަޑައިގެންފަ އެވެ. އޭނާ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލް އިބްރާހިމް ފަރީދު ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއްގެ ސާބިތުވެފައި ނުވަނީސް އެފަދަ ކުށެއްގެ ތުހުމަތެއްގައި އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ ގޮޑި އިބްރާހިމް ދީދީ ކާމިޔާބް ކުރެއްވީ 1099 ވޯޓެވެ. ދެވަނައަށް ދިޔަ ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ.