މީގެ ހަތަރު ކުރިން ސްރީ ލަންކާ އިން ސިންގަޕޫރާ އެކީ ހެދި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އަށް އަމަލުކުރަން ލަންކާ އިން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މި ހަފުތާގައި ޖަޕާނަށް ކުރެއްވި ދަތުރުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ޓޯކިއޯގައި ސިންގަޕޫރްގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްއާ ބައްދަލުރައްވައި، ދެކެވުނު ވާހަކަތަކުގެ ތެރޭގަ އެވެ. އެފްޓީއޭ އަށް ލަންކާ އިން އަމަލުކުރަން ނިންމާފައިވާކަން ރަނިލް ހާމަކުރެއްވުމާ ގުޅިގެން އެކަމަށް ސިންގަޕޫރްގެ ބޮޑުވަޒީރު ވަރަށް ބޮޑަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ލަންކާގެ މިނިވަން ކަމަށް 75 އަހަރު ފުރޭތީ އެކަމާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސިންގަޕޫރްގެ ބޮޑުވަޒީރު ލަންކާ އަށް ވަޑައިގަތުމަށް ރަނިލް ދައުވަތު ވެސް ދެއްވި އެވެ.
ލަންކާ އާއި ސިންގަޕޫރާ ދެމެދު އެފްޓީއޭގައި ސޮއިކުރީ ރަނިލް ބޮޑުވަޒީރަކަށް ހުންނެވި އިރު 2018 ގަ އެވެ.
ނަމަވެސް އެ އެއްބަސްވުމުގައި ކަންްބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށް ވިދާޅުވެ އެ އަމަލުކުރުން ގޮޓަބަޔާ ރާޖަޕަކްސާގެ ވެރިކަމުގައި މަޑުޖައްސާފައިވެ އެވެ. އަދި އެފްޓީއޭ އަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެފްޓީއޭ އަށް ލަންކާ އިން އަމަލުކުރަން ނިންމިކަން އެ ގައުމުން ހާމަކުރި އިރު، ރައީސްކަމާ ރަނިލް ހަވާލުވެވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 20 ގަ އެެވެ. އެއީ ގޮޓަބަޔާ ޖުލައި 14 ގައި އިސްތިއުފާ ދެއްވުމާ ގުޅިންނެވެ. ރައީސްގެ މަގާމުފެ ކުރިން ރަނިލް މެއި މަހުން ފެށިގެން ހުންނެނީ ބޮޑުވަޒީރުގެ މަގާމުގަ އެވެ.
ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ އޮތީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ އަދި އިގުތިސާދީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގަ އެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވެއް ނެތުމާއިު ދަރަނި އިންތިހާ އަށް ބޮޑުވެފައިވާތީ އެ ގައުމުން އަންނަނީ ބައިނަލްއަގްވާމީ އެހީ ހޯދަން މަސައްކަތް ކުރަމުންނެވެ.