Last Updated: July 23, 13:11
Thursday, July 23, 2026
ދުނިޔެ

މަހުޖަނު މެކެންޒީ ވަރިވާން ކޯޓަށް

ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މެކެންޒީ ދެވަނަ ކައިވެނި ރޫޅައިލަން ކޯޓަށް ހުށަހަޅައިފި އެވެ.

އެމެޒޯން ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ، ޖެފް ބެޒޯސް، 58، ގެ އާއި މެކެންޒީ، 52، ގެ ކައިވެނި 2019 ގައި ރޫޅަިއލުމަށް ފަހު މެކެންޒީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކައިވެނިކުރީ ދަރިން ކިޔަވަމުން އައި ސްކޫލްގެ ސައިންސް ޓީޗަރެއް ކަމަށްވާ ޑޭން ޖެވެޓް، 47، އާ އެވެ. އެ ކައިވެންޏަށް އަހަރެއްހާ ދުވަސް ފަހުން ފިރިމީހާ ގާތުން ވަރިވާން މެކެންޒީ ވޮޝިންޓަންގެ ކިންގް ކައުންޓީ ސުޕީރިއާ ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

މެކެންޒީ އާއި ޑޭން.

ކޯޓަށް ހުށަހަޅި ލިޔުންތަކުގައި ބުނެފައި ވަނީ ކައިވެނި ރޫޅައިލަން ބޭނުންވާ ކަމަށާއި އެކަމާ ގުޅިގެން ފިރިމީހާގެ ފަރާތުން މާލީ އެއްވެސް އެހީތެރި ކަމެއް ބޭނުން ނުވާ ކަމަށެވެ. މެކެންޒީގެ މިލްކިއްޔާރު 33.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އޭނަ އަކީ މިހާރު ހައިރާތަށް އެންމެ ބޮޑަށް ހޭދަކުރާ މަހުޖަނުންގެ ތެރެއިން އެކެކެވެ.

ޖެފް އާއި މެކެންޒީގެ 28 އަހަރުވީ ކައިވެނި ރޫޅައިލި އިރު، ހަތަރު ކުދިން ލިބިފައިވެ އެވެ. އެއީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ އަކީ ޗައިނާ އިން އެޑޮޕްޓްކުރި ކުއްޖެކެވެ.

މެކެންޒީ އާއި ޖެފް.

ދުނިޔޭގެ މަޝްހޫރު މަހުޖަނުންގެ ތެރެއިން ކައިވެނު ރޫޅައިލި މީހުންގެ ތެރޭގައި ބިލް ގޭޓްސް އާއި މެލިންޑާ ފްރެންޗް އެވެ. އެ މީހުންގެ 27 އަހަރުވީ ކައިވެނި މިދިޔަ އަހަރު ރޫޅައި އިރު ތިން ކުދިން ލިބިފައިވެ އެވެ.