ބޮޑު ކަންނެލީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ހިއްސާކޮށްފިއެވެ.
ބީކޭއެމްޔޫއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާގެ މިވަގުތުގެ އެންމެ މުހިންމު މަސައްކަތަކީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ހަމައަގުގެ ވައުދުފުއްދަންކަމަށް ބުނެ ސަރުކާރާއި ކަންނެލި ގަންނަ ފަރާތްތަކާއި އެކު 2021 ވަނަ އަހަރު ޖޫން މަހުތެރޭ ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވުނު ކަމަށެވެ. އެހެންނަމަވެސް އޭގެފަހުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށެވެ. އަދި މަސް ގަންނަފަރާތްތަކާއި އެކު އެއްބަސްވުމަކަށް ނާދެވުމުން ސަރުކާރާއި އެކު މަޝްވަރާތަށް ކުރިޔަށްގެންދިއުމަށް ތަކުރާރުކޮށް އެދިފައިވާކަމަށާއި، ނަމަވެސް ދަށް އަގު ކަނޑައެޅުމުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ބީކޭއެމްޔޫއިން ބުނެފައިވެއެވެ.
މީގެއިތުރުން އެ ޖަމިއްޔާއިން ބުނެފައިވަނީ، ތެލުގެ އަގު އިންތިހާއަށް ބޮޑުކަމަށާއި މަސްވެރިންނަށް ސަރުކާރުން އުތުރާއި ދެކުނުގައި ކަނޑައަޅައިފައިވާ ސަބްސިޑީ ތެޔޮ، މާލެ ސަރަހައްދުން ނުލިބޭތީ، ކަންނެލި މަސްވެރީން ތެޔޮއަޅާންޖެހެނީ އެންމެ ބޮޑުއަގުގައި ކަމަށެވެ.
ތެލުގެ މައްސަލައިގައި މިހާތަނަށް ދިނީ ބީރުކަންފަތެއް ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއަނަމަވެސް ރާއްޖެއިން ތެޔޮގަންނަން ލިބޭ އަގު ދައްނުވުމަކީ ކަންބޮޑުވުމެއް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
"ހަމައެގޮތަށް އައިސް ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި، ދަރަނީން ސަލާމަތް ނުވެފައިވާ ފެނަކަ ކޯޕަރޭޝަންއާއި، މިފްކޯގެ އައިސް ޕުލާންޓްތަށް ހަވާލު ކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް އޭގެ ނުރަގަނޅު އަސަރު މަސްވެރިންނާށްކޮށް އިތުރަށް އައިހުގެ އަގު ބޮޑުވެ، ކިޔޫގައި ތިބެންޖެހޭ ދުވަސްތަށް އިތުރުވާނެ ކަމެއްކަމުން، އެނިންމުން ބަދަލުކޮށް އަލުން އަނބުރާ މިފްކޯއަށް ހަވާލު ކުރުމަށް ގޮވާލަމެވެ" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
މީގެއިތުރުން އެ ޖަމިއްޔާއިން ބުނެފައިވަނީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާގޮތެއްގައި ކުރިޔަށްދިއުމަށް، ސަރުކާރުގެ އަޅާލުމެއް ނެތް އިރު، ކަންނެލި ގަންނަ ފަރާތްތަކުގެ ހާލަތު ރަނގަޅުވުމަކީވެސް މުހިންމު ކަމެއްކަމުގައި ދެކޭކަމަށެވެ، އެހެންނަމަވެސް އެ ކަމުގައިވެސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށާއި، އެހެން ދިމާވުމުން ކަންނެލި ނުކިރި ކިއުގައި އެތަށް ދުވަހަކު ތިބެންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެެވެ. އަދި ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭކަމީ ޖަމުއްޔާގެ މެންބަރުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެއްކަމަށް ބުނެފައިވެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުތައް ނުކުޅެދިފައިވާކަމަށެވެ.