Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ނަމްބަރު ބޯޑް ގަވާއިދަށް ނުފެތޭ ނަމަ ފިޔަވަޅު އަޅަނީ

އެއްގަމު ވެހިކަލްތަކުގެ ނަންބަރު ބޯޑް ހުންނަން ޖެހޭ މިންގަނޑަށް ނުހުންނަ ނަމަ އެފަދަ އުޅަނދުތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބައެއް ވެހިކަލްތަކުގެ ނަމްބަރު ބޯޑުތައް ފަހަކަށް އައިސް ހަދާފައި ހުންނަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ގަވާއިދުގައި ބުނާ ގޮތުން އިންޖީނުލީ ވެހިކަލްތައް މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް ރަޖިސްޓްރާ، ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ހަރުކުރުމަށް ފަހު އެވެ. އެގޮތުން ނަމްބަރު ޖަހާ އިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ.

ގަވައިދުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަމްބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑައިނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެއްގަމު ވެހިކަލްތަކުގެ ނަމްބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި އުސޫލުން ބޭނުންކުރާ ވެހިކަލްތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ ވެހިކަލްތަކުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުންނެވެ. އެ ނޫން ވެހިކަލްތަކުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުންނެވެ.

އެހެންވެ މި ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

އެގޮތުން ގަވައިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަމްބަރު ބޯޑު ހުންނަ ވެހިކަލްތައް ޖޫރިމަނާކުރާނެ އެވެ.