ތަރައްގީގެ މަޝްރޫއެއް ކުރިއަށްނުދާ ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.
މިއުވާން ވިދާޅުވީ ތަރައްގީގެ މަޝްރޫއެއް ކުރިއަށްނުދާ ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
"ރާއްޖޭގެ ރަށަކަށް ތިބޭފުޅުން ވަޑައިގެންފި ކަމަށްވާނަމަ، ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުދާ އެއް މަޝްރޫއު ދެ މަޝްރޫއުއެއް ނޫން، އެއަށްވުރެ ގިނަ މަޝްރޫއުތައް ކުރިޔަށް ނުދާ ރަށެއް، ތިބޭފުޅުންނަށް ފެނިވަޑައެއް ނުގަންނަވާނެ." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތްތައް މިހާރުވެސް ރާއްޖޭގެ 118 ރަށެއްގައި ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތް 11 ރަށެއްގައި ނިމިފައިވާ ކަމަށެވެ.
ބަނދަރާއި ޖެޓީގެ މަސައްކަތް މިހާތަނަށް 44 ރަށެއްގައި ނިމިފައިވާ ކަމަށާއި، 37 ރަށެއްގައި މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަން މިއުވާން ފާހަގަކުރެއްވިއެވެ. އަދި 11 ރަށެއްގައި މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށް ވިދާޅުވިއެވެ.