Last Updated: July 16, 17:14
Thursday, July 16, 2026
ޚަބަރު

ގަރްޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން މުޅި ރާއްޖޭގައި

މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްޟާވީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ގަރްޟާވީ ،96، އަވަހާރަވީ މިދިޔަ ހޯމަ ދުވަހު އެވެ. ގަރްޟާވީ އަވަހާރަވީ ގަތަރަށެވެ. 2013 ވަނަ އަހަރުން ފެށިގެން ގަރްޟާވީ ދިރިއުޅުއްވަމުން ގެންދެވީ ގަތަރުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މާދަމާގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ނަމާދަށްފަހު ގަރްޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުކުރު ކުރާ މިސްކިތްތަކުގައި މި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ގަރްޟާވީ އަކީ މި ޒަމާނުގެ ފުންނާބުއުސް ޝަރީއާ އިލްމުވެރިއެއް ކަމަށާއި އަދި އިސްލާމީ ފިކުރާއި އިސްލާމީ ދައުވާގައި އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްގީ ކުރުމާއި އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރިއާގެ ގޮތުގައި ގަރްޟާވީ ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ގަރްޟާވީ އަކީ މިސްރުގައި ހުދުމުހުތާރު ވެރިކަމެއް ކުރި ހުސްނީ މުބާރަކްގެ ވެރިކަން އިންގިލާބުކުރަން ފާޅުކަން ބޮޑު ގޮތެއްގައި ހިތްވަރު ދެއްވި ފަރާތެއް ވެސް މެ އެވެ. ހުސްނީ މުބާރަކް އިސްތިއުފާ ދެއްވުމުން މިސްރުގައި ބޭއްވި ފުރަތަމަ މިނިވަން އިންތިހާބުގައި އެގައުމުގެ ރައީސަކަށް އިންތިހާބު ކުރީ ގަރްޟާވީ ނިސްބަތްވާ މުސްލިމް ބްރަދާހުޑް ޖަމާއަތުގެ މުހައްމަދު މުރްސީ އެވެ.

ނަމަވެސް އަހަރެއްހާ ދުވަސްފަހުން އަސްކަރީ ބަޣާވާތަކުން މުރްސީގެ ވެރިކަން ވައްޓާލިއިރު ދެން ވެރިކަމަށް އައީ އޭރުގެ ޑިފެންސް މިނިސްޓަރު އަބްދުލް ފައްތާހު އަލް ސީސީ އެވެ. ސީސީ ވެރިކަމަށް އައުމަށްފަހު ވަނީ މުސްލިމް ބްރަދާހުޑް ޖަމާއަތުގެ އިސް ފަރާތްތައް ޖަލަށްލައި ބައެއް ފަރާތްތައް މެރުމަށް ވެސް ހުކުމްކޮށްފަ އެވެ.

އެގޮތުން ގަރްޟާވީގެ ޣައިރު ހާޒިރުގައި އޭނާގެ ޝަރީއަތް ހިންގައި ވަނީ 2015 ވަނަ އަހަރު މެރުމަށް ހުކުމްކޮށްފަ އެވެ.

ގަރްޟާވީ އަކީ ދޯހާގައި ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސް ގެ ވެރިޔާ ވެސް މެ އެވެ.