މާފުށީ ޖަލުގައި ޑިއުޓީ އަދާކުރަމުންދިޔަ ޖަލު އޮފިސަރެއް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި. މަރުހޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!އާމީން pic.twitter.com/xmQSXYo6wd
— Ahmed Mohamed (@ahumadhumohamed) September 29, 2022
މަރުހޫމު ޕްރައިވެޓް އާދަމް ނިއުޝާދު ނިޔާވުމަކީ މުޅިމުވައްސަސާއާއި ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތިކުރުވި ހަބަރެއްކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ޕްރިޒަން ޕްރައިވެޓް މަރުހޫމް އާދަމް ނިއުޝާދު ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 2014 ފެބްރުއަރީ 03 ވަނަ ދުވަހުއެވެ. ކަރެކްޝަންސްއިން ބުނެފައިވަނީ ނިއުޝާދު، މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން 8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ ކަރެކްޝަނަލް ސަރވިސްއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.