އައްޑޫގެ އެކި ކަންކަމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު އަނެއްކާ ވެސް މާލެ ވަޑައިގެން އެއް އިދާރާ އިން އަނެއް އިދާރާ އަށް ހިންގަވަން ފަށައިފި އެވެ.
މޭޔަރުގެ މި ދަތުރުގައި ކައުންސިލްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝުޖާއު ވެސް ބައިިވެރިވަޑައިގަންނަވަނަ އެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ކައުންސިލްގެ ބޮޑު ވަފުދެއް މާލެ ވަޑައިގެން، އެކިއެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ކައުންސިލާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައްކޮށްފައިވެ އެވެ.
މޭޔަރުގެ މި ފަހަރުގެ ދަތުރުގެ ތެރެއިން އިއްޔެ ތިން ތަނަކާ އެކީ ބައްދަލުވުންތަކެއް ބޭއްވި އެވެ. އެއީ ސަރުކާރުގެ ތިން ކުންފުންޏަކާ އެވެ. އެއީ އެސްޓީއޯ އާއި ސްޓެލްކޯގެ އިތުރުން ފެނަކަ އެވެ. އެގޮތުން އެސްޓީއޯއާ އެކު އިއްޔެ ކައުންސިލުން ވަނީ އެ ކުންފިނިން ހިންގާ ޕްރޮމޯޝަންތަކުގައި ކައުންސިލް މުވައްޒަފުންނަށް ޑިސްކައުންޓް ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ފެނަކައާ އެކީ ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ޓޫރިޒަމް ޒޯންތަކަށް ކަރަންޓު ފޯރުކޮށް ދިނުމާ ގުޅޭ ގޮތުންނާއި މަގު ހެދުމާ ގުޅިގެން ފެނާއި ނަރުދަމާއާ ގުޅުން ހުރި މަސަތްކަތްތައް ލަސްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ނަމަވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާ އެކީ ބޭއްވި ބައްދަލުވުމުގެ އިތުރު ތަފުސީލެއް ކައުންސިލުން ހާމައެއްނުކުރެ އެވެ.
ކައުންސިލްތަކުން މާލެ ވަޑައިގެން ރަށްރަށުގެ ތަރައްގީ އަށް ކަންކަން ކޮށްދޭން އާދޭސްކުރުމަށް މާލެ ދިއުމަކީ ލަދުވެތިވާ ކަމެއް ކަމަށް ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މިގޮތަށް ކަންކަން ހިނގަނީ ލާމަރުކަޒީ ގާނޫން ކައުންސިލުތަކަށް ލިބިދޭ ފުރިހަމަ ބާރު ސަރުކާރުން ނުދޭތީ އެވެ.