Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވީއައިއޭގެ އާ ރަންވޭ އަންނަ މަހު އޮޕަރޭޝަނަށް

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭ އަންނަ މަހުގެ 6 އިން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އާ ރަންވޭ ބޭނުންކުރަން ފަށާ ދުވަހު އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

އާ ރަންވޭ އަކީ 3،400 މީޓަރުގެ ތަނެކެވެ. އެ ރަންވޭގެ ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މި ރަންވޭ މަޝްރޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމާ އެކީ ވީއައިއޭ އަށް ބޯޓްތައް ޖެއްސުމުގައި ދިމާވާ ލަސްތައް ހައްލުވެގެންދާނެ އެވެ. އެގޮތުން ތިން ވަރަކަށް މިނިޓުގެ ތެރޭގައި ރަންވޭ ކްލިއަކޮށްލެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއަކަށެވެ.