ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.
ވީއައިއޭގެ އާ ރަންވޭ ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.
ވީއައިއޭގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސެއިން "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން ވިދާޅުވީ އާ ރަންވޭ ހުޅުވުމަށް ބުދަ ދުވަހުގެ ރޭގަނޑު 11:00 އިން ފެށިގެން އެއާޕޯޓުގެ ހުރިހާ މޫވްމަންޓެއް މެދުކަނޑާލާނެ ކަމަށެވެ.
އެއާޕޯޓުގެ އޮޕަރޭޝަންސް އަލުން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އާ ރަންވޭ އަކީ 3،400 މީޓަރުގެ ތަނެކެވެ. އެ ރަންވޭގެ ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މި ރަންވޭ މަޝްރޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމާ އެކީ ވީއައިއޭ އަށް ބޯޓްތައް ޖެއްސުމުގައި ދިމާވާ ލަސްތައް ހައްލުވެގެންދާނެ އެވެ. އެގޮތުން ތިން ވަރަކަށް މިނިޓުގެ ތެރޭގައި ރަންވޭ ކްލިއަކޮށްލެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއަކަށެވެ.