Last Updated: July 23, 12:04
Thursday, July 23, 2026
ދުނިޔެ

އަފްގާންގެ ޓިއުޝަން ސެންޓަރަކަށް ހަމަލާއެއް، 19 މަރު

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި ޓިއުޝަން ސެންޓަރަކަށް ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެ އެވެ.

ޖާނުން ފިދާވެގެން ދިން މި ހަމަލާގައި މަރުވި ގިނަ މީހުންނަކީ އަންހެނުންނެވެ. މި ހަމަލާގައި 30 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

މި ހަމަލާ ދީފައިވަނީ އަމިއްލަ ބަޔަކު ހިންގާ ޓިއުޝަން ސެންޓަރެއްގައި ދަރިވަރުންތަކެއް ޓެސްޓެއް ހަދަމުންދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ އަފްގާނުގައި ޝީއީ މުސްލިމުން އުޅޭ ސަރަހައްދެއްގައި ހުރި ޓިއުޝަން ސެންޓަރަކަށް ކަމަށްވާއިރު ޝީއީ މުސްލިމުންނަށް އަމާޒުކޮށްގެން މީގެކުރިން އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިން ވަނީ ހަމަލާތަކެއް ދީފަ އެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

އެގޮތުން މީގެކުރިން އެ ޖަމާއަތުން ވަނީ ޝީއީ މުސްލިމުން އާންމުކޮށް ގޮސް އުޅޭ މިސްކިތްތަކަށް ވެސް ބޮމުގެ ހަމަލާތަކެއް ދީފަ އެވެ.