Last Updated: July 23, 12:04
Thursday, July 23, 2026
ދުނިޔެ

ޔުކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ބާރުގެ ދަށަށް

ޔުކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުކްރޭންގެ ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސްކް، ހޭސަން އަދި ޒަޕޮރިޒިއާ އެވެ. މި ހަތަރު ސަރަހައްދު ވެސް މިވަގުތު އޮތީ ރަޝިއާގެ ބާރުގެ ދަށުގައި ކަމަށްވާއިރު ރަޝިއާ އިން ވަނީ އެ ހަތަރު ސަރަހައްދަށް ލީޑަރުން ވެސް އައްޔަންކޮށްފަ އެވެ.

ރަޝިއާ އިން ބުނާގޮތުގައި މި ހަތަރު ސަރަހައްދު އެގައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅީ އެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން އެގޮތަށް ނިންމުމުންނެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވަނީ އެ ވޯޓު ބަލައިގަންނަން ދެކޮޅު ހަދައި އެއީ ގާނޫނު ހިލާފު ވޯޓެއް ކަމަށް ބުނެފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޝިއާގެ ރައީސް ލަޑީމިއަ ޕޫޓިން ވިދާޅުވީ މިއީ އެތައް މިލިއަން މީހުންގެ އެދުމެއް ކަމަށާއި ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ބަދަލުވާނެ ނިންމުމެއް ނޫން ކަމަށާއި ރަޝިއާ އިން އެގައުމުގެ ސަރަހައްދުތައް ހިމާޔަތްކުރެވެން އޮތް ގޮތަކަށް ކުރާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

އެގޮތުން އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ މަގުފަހިކޮށްދޭނެ ކަމަށާއި އެ ސަރަހައްދުތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށްދޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ޔުކްރޭނުން ވެސް ހަމަލާތައް ދިނުން ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް ޕޫޓިން ވަނީ ގޮވާލާފަ އެވެ.

ރަޝިއާ އިން ވަނީ 2014 ވަނަ އަހަރު ޔުކްރޭންގެ ކްރައިމިއާ ވެސް އެގައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.