Last Updated: May 17, 20:36
Friday, May 17, 2024
ކޮލަމް

ކެރިގެން ކުރިމަތިލާށެވެ

އަޅުގަޑުމެންގެ އަވަށްޓެރި އިންޑިޔާއަކީ ސެކިއުލާރ ގައުމެކެވެ. އާބާދީ އަކީ 1.2 ބިލިޔަނާއި ގާތްކުރާ އަދަދަކެވެ. އާބާދީގެ މެޖޯރިޓީ އަކީ ހިންދޫންނެވެ. ވެރިކަންކުރާ ދިއްލީގައި ކޮންމެ 20 މިނިޓެއްގައި މައުސޫމު އަންހެން ކުއްޖެއްގެ ޢިއްފަތް ފޭރިގަނެއެވެ.

މިރޭޓުން ބަލައިފިނަމަ ދުވާލަކު 72 ކުދިން، މަހަކު 2160 މަޢުސޫމު އަންހެން ކުދިންތަކެއްގެ ޢިއްފަތް، ރަޙުމުކުޑަ ޖައްލާދުންގެ ޝިކާރައަކަށް ވެގެންދެއެވެ. މިކަންތައް ބޮޑު ކަމަކަށްވާން ދިމާވިސަބަބަކީ ދިއްލީގެ މެޑިކަލް ކޮލެޖެއްގައި ކިޔާވާއަންހެން ދަރިވަރަކު، މަސްތުވެގެންތިބި ބައެއްގެ ޝިކާރައަކަށްވެ އެކުއްޖާއަށް ސިންގަޕޫރުގައި ފަރުވާދެމުންދަނިކޮށް ނިޔާވުމުންނެވެ. މިކަން ވެގެންދިޔައީ އިންޑިޔާގެ ރައޔިތުންނަށް ޚާއްސަކޮށް އެގައުމުގެ ޒުވާނުންނަށް ، މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން މަޖުބޫރު ކުރުވިކަމަކަށެވެ.

މިއިޙުތިޖާޖު ކުރުމުގައި ސިޔާސީ ލީޑަރުންނާއި ނުފޫޒު ގަދަ ފަރާތްތަކުގެ އިސްނެގުމެއްނެތެވެ. އެކަމަކު މިޒުވާނުން ކުރިމަސައްކަތުން އިންޑިޔާ ސަރުކާރު އަދި މުޅި ދުނިޔެވެސް ސަމާލުކަމަށް އައެވެ. އަދި އެގައުމުގެ ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް މަސައްކަތްކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުވިއެވެ.

މިދެންނެވުނީ ބޭރު ކަރައެއްގެ ވާހަކައެވެ. އަޅުގަޑުމެންގެ މިދިވެހި ގައުމުގައި ހިގަމުންދާ ފާހިޝް މުންކަރާތްތަކާއި، މީހުންމެރުމާއި ، ކަރަޕްޝަނާއި އަނިޔާ އަދި ޚާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަންހެން ކުދިންގެ ޢިއްފަތް ފޭރުމުގެ ތަފުސީލަކަށް އަޅުގަޑު ދާކަށް ބޭނުމެއްނޫނެވެ.

މިކަންތައްތަކަކީ އެންމެނަށް އެގިފާޅުވެގެންވާ ކަންތައްތަކެވެ. މިއިންކަމެއް ހިގާ ދުވަހަކު މީޑިއާގެ ފަލަސުރުޚީގައި އެވާހަކަ ވަރަށް ބާރަށް ކިޔާނެއެވެ. ދުވަސްކޮޅަކުން އެކަން ހަނދާންނެތެއެވެ. ސަރުކާރާއި ރައްޔިތުން މިހިރަ ބޮޑެތި ޖުރުމްތައް ހުއްޓުވުމަށްޓަކައި އެންމެ އެދެވޭ މަސައްކަތެއް ކުރެވެއެކޭ އަޅުގަޑަކަށް ދެންނެވޭކަށް ނެތެވެ.

ކޮންމެ ބަޔަކުވެސް އެބަޔެއްގެ ޒިންމާއިން ރެކެން އުޅޭ ކަހަލައެވެ. އަނެކާގެ ބޮލުގައި އިލްޒާމް ތަކެއް އަޅުވަމުންނެވެ. އެއްވެސް އިސްތިސްނާއެއްނެތި ކޮންމެ ފަރުދަކުވެސް ތިމާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާ ކުރެވޭތޯ މިއަދުން ފެށިގެން މަސައްކަތް ފަށައި ގަންނަމާ ހިނގާށެވެ.

ހައްގުބަސް ބުނާމީހާގެ އަނގަބަންދު ކުރަމަށްޓަކައި ކަރުގައިވެސް ހިފިދާނެއެވެ. އަދި އެނޫން ކިތެންމެ ކަމެއް ކުރެވިދާނެއެވެ. އެހެންކަމުން ހައްގުބަސް ބުނަން ކެރުމަކީ ވަރަށް ހިތްވަރުގަދަ ކެރޭ، ވަރުގަދަ އަގީދާއެއްގެ މަތީގައިދެމިތިބޭ ބަޔަކަށް މެނުވީ ކުރަންކެރޭނެ ކަމެއްނޫނެވެ.

ޝައްކެތްނެތް ގޮތުގައި ކޮންމެ މުޖުތަމައެއްގައި ވެސް ހައްގުގޮތުގައި ދެމިތިބޭ އަދި ހައްގުބަސް ބުނާ ބަޔަކު އަބަދުވެސްތިބޭނެއެވެ. އަޅުގަޑުމެންގެ މިކުޑަކުޑަ ގައުމަކީ ސައްތައިންސައްތަ މުސްލިމު ގައުމެކެވެ. މުސްލިމެއްގެ ހައިސިއްޔަތުން ހެޔުކަންތައްތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް މަނާ ކުރުމަކީ ކެރިކުޅާދާނަކަން ލިބިގެންވާ މިންވަރަކުން ކުރަންޖެހޭކަމެކެވެ.

އަދި ހައްގުބަސް ބުނުމަކީ ﷲ އަށްޓަކައި ކުރެވޭ މަތިވެރިޖިހާދެކެވެ. ކީރިތި ރަސޫލު صلى الله عليه وسلم ހަދީޘު ކުރެއްވިއެވެ. " ހަމަކަށަވަރުން ހައްގުބަސް، ޖައްބާރު ރަސްކަލެއްގެ ކާރީގައި ބުނުމަކީ އެންމެ މަތިވެރި ޖިހާދުގެ ތެރެއިންވާކަމެކެވެ." އަދި އެހެންހަދީޘްފުޅެއްގައި ވެއެވެ. ((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ)

"ތިޔަބައިމީހުންކުރެ މުންކަރާތެއް ފެނިއްޖެ މީހާ އޭނަގެ އަތުން އެކަން ބަދަލު ކުރާށެވެ! އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ އެމީހެއްގެ ދުލުން އެކަން މަނާކުރާށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ ހިތުން އެކަމާއި އިންކާރު ކުރާށެވެ. (އެކަމާއި ނަފުރަތުވެ، އެކަމާއި ދުރުހެލިވާށެވެ.) އެއީ އީމާންކަމުގެ އެއްމެ ބަލިކަށި މިންވަރެވެ."

އަޅުގަނޑުމެންގެ ތެރެއަށް އެއްދުވަހުން އަނެއްދުވަހަށް އަންނަމުންމިދާ ލާދީނީ އޮއިވަރުތަކާއި ފާޅުވަމުންމިދާ ފާހިޝް މުންކަރާތް ތަކުގައި އަޅުގަނޑުމެންގެ މިލޮބުވެތި އިސްލާމީ ވަޠަން ބެހިގެން ދާން ދޫކޮށްލައިގެން ތިބެން ހެޔޮ ނުވާނެއެވެ. އެކަމާ އިދިކޮޅަށް ހައްޤުބަސް ފާޅުކުރާ ފަރާތްތަކަށް މަލާމަތްކޮށް ފުރައްސާރަކުރުމަކީ އަޅުގަނޑުމެން އަމުދުން ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެފަރާތްތަކަށް ނަސްރުދޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާން ވެއްޖެއެވެ

ހެޔޮކަންތައްތަކަށް ގޮވާލާ މުންކަރާތްތައް ނަހީ ކުރާ ބަޔަކުކަމުގައި އަޅުގަޑުމެން ވާންޖެހެއެވެ. އަޅުގަނޑުމެންގެ އަތުން އިސްލާމް ދީނުގެ މިމަތިވެރި ނިޢުމަތް ބީވެގެން ދިއުމުގެ ކުރީގައި އެނިޢުމަތަށް ޝުކުރުވެރިވުން ހައްޤުގޮތުގައި ޝުކުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިންގަވާށެވެ.