Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ނޫރާނީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ދާއިމީ ޕްރިންސިޕަލެއްގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް މީހަކު ހޯދަނީ ދެ ރޭންކަކަށް ރިއާޔަތްކޮށެވެ. އެގޮތުން ރޭންކް އެކެއްގެ އަސާސީ މުސާރަ އަކީ 16،647ރ. އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 9،534ރ. ލިބޭ އިރު، ހާޒިރީ އިނާޔާތުގެ ގޮތުގައި 258ރ. ލިބޭނެ އެވެ.

ރޭންކް ދޭއްގެ އަސާސީ މުސާރަ އަކީ 17،985ރ. އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 10،300ރ. ލިބޭ އިރު، ހާޒިރީ އިނާޔަތަކީ 279ރ. އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަން އިއުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އަންގާނެ ކަމަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 3341427 އާއި 3341441 އިން ހޯދޭނެ އެވެ.

ނޫރާނީ ސްކޫލަށް ދާއިމީ ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފައި ވަނީ 2019 އިން ފެށިގެން އެ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ސުލްތާން ރާމިޒު، މި އަހަރުގެ ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވައި ގަމުގައި މިހާރު ހިންގަމުން އަންނަ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ ހިންގެވުމާ ހަވާލުވަޑައިގަތް ފަހުން ދާއިމީ ޕްރިންސިޕަލަކު ސްކޫލްގައި ނެތުމާ ގުޅިގެންނެވެ.