Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރާއްޖޭގެ ތައުލީމަށް ވާލްޑް ބޭންކުން 9 މިލިއަން ޑޮލަރު

މިދިޔަ އަހަރު މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރުން އޯލެލް އިމްތިހާނުގައި.

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތައް އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިއަދު ފާސްކޮށްފިއެވެ.

ވާލްޑް ބޭންކުން މައުލޫމާތުދޭ ގޮތުގައި، މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި، 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ސަރުކާރުން އަންނަނީ ތައުލީމީ މުގައްރަރު އިސްލާހުކުރުމަށް ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށް، ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ހަމަހަމަކަމާ އެކު އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަންދެމުން،" ވާލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރްޝާ އަތުރުޕާން ވިދާޅުވިއެވެ.

"މި ރަނގަޅު ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، އަތޮޅުތަކުގައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާ ކުރަން އެބަޖެހޭ،" ވާލްޑް ބޭންކުގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް އަދި ކޯ-ޓާސްކް ޓީމް ލީޑަރު ކަރްތިކާ ރާދަކްރިޝަނަން-ނައިރް ވިދާޅުވިއެވެ.

އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ. މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

މީގެއިތުރުން ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ ކަމަށް ވޯލްޑް ބޭންކުން މައުލޫމާތުދެއެވެ. އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެ ކަމަށްވެސް މައުލޫމާތުދެއެވެ. އަދި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެއެވެ.