Last Updated: July 23, 12:04
Thursday, July 23, 2026
ދުނިޔެ

އިންޑޮނީޝިއާގައި ބޮޑު ހަމަނުޖެހުމެއް، 129 މަރު

އިންޑޮނީޝިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި ހިނގި ހަމަނުޖެހުމެއްގައި 129 މީހުން މަރުވެއްޖެ އެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑޮނީޝިއާގެ ލީގުގައި ރޭ އަރޭމާ އާއި ޕާސެބާޔާ ސުރަބަޔާ ބައްދަލުކުރި މެޗަށްފަހު އެވެ. ކަންޖުރުހާން ސްޓޭޑިއަމްގައި ކުޅުނު މި މެޗު 3-2 އިން ކާމިޔާބުކުރީ ޕާސެބާޔާ ސުރަބަޔާ އެވެ.

އިންޑޮނީޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެޗަށްފަހު ގިނަ އަދަދެއްގެ އަރޭމާގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރާފަ އެވެ. ސަޕޯޓަރުން ދަނޑަށް އެރުމާއެކު ޕާސެބާޔާ ސުރަބަޔާ ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބިއިރު ދަނޑު މަތީގައި އޭރު ތިބި އަރޭމާގެ ކުޅުންތެރިންނަށް ސަޕޯޓަރުން ވަނީ ހަމަލާދީފަ އެވެ. އަދި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ވަނީ ރޯކޮށްލާފަ އެވެ.

ދަނޑު މައްޗަށް އެރި ސަޕޯޓަރުން މައިތިރިކުރަން ފުލުހުން ވަގުތުން މަސައްކަތް ފެށިއިރު ރިޕޯޓުތައް ބުނާގޮތުން ގިނަ އަދަދެއްގެ ބަޔަކު މަރުވާން މެދުވެރިވީ ފުލުހުން މެޗު ބަލަން ތިބި ސަޕޯޓަރުންގެ ތެރެއަށް ގިނަ އަދަދަކަށް ކަރުނަ ގޭސް ޖެހުމުން ނޭވާ ހާސްވުމާއި، ފިތި ބާރުވެގެންނެވެ.

މި ހާދިސާގައި 129 މީހުން މަރުވިއިރު 300 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

މި ހަމަނުޖެހުމާ ގުޅިގެން އިންޑޮނީޝިއާގެ ލީގު މިހާރު ވަނީ ހަފްތާއަކަށް މެދުކަނޑާލާފަ އެވެ. އިންޑޮނީޝިއާގެ ފުޓްބޯޅަ އިދާރާގެ ރައީސް ވަނީ މި ހާދިސާގެ ސަބަބުން އިންޑޮނީޝިއާގެ ފުޓްބޯޅައިގައި ކަޅުލައްގަނޑެއް ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.