ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓްގެ ގޮތުގައި ފާހަގަކޮށްލެވޭ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހުގެ ތެރޭގައި ހަފުތާގެ ހުރިހާ ދުވަހެއްގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެ އެއާލައިނުން ބުނި ގޮތުގައި މި މަހުގެ 14 އިން ފެށިގެން ހަފުތާ އަކު ހަތަރު ދަތުރުތައް ބޭއްވުމަށް ފަހު މި މަހުގެ 30 އިން ފެށިގެން ހަފުތާގެ ހުރިހާ ދުވަހެއްގައި ޝެޑިއުލް ދަތުރުތައް އޮންނާނެ އެވެ. އަދި މި ބަދަލާ އެކީ ބްރިޓިޝް އެއާލައިންގައި ރާއްޖެ އަށް އަންނަން ބޭނުންވާ މީހުންނާއި ފުރަން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ.
މި އެއާލައިން ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އޮޕަރޭޓްކުރަމުން އަންނަނީ 2015 އިން ފެށިގެންނެވެ.