Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދިއްލީގައި އަނެއްކާ ވެސް ރޭޕް މަރެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އުތުރުއިރުމަތީ ސީލަމްޕޫރު ސަރަހައްދުގައި ރަހުމަތްތެރިންތަކެއްގެ ޖިންސީ ޝިކާރައަކަށްވީ 10 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

އެ ކުއްޖާ މަރުވީ އެއްޖިންސަކަށް ނިސްބަތްވާ ތިން މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ. އެ ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ގެންފައިވާ ބިރެއްގެ ސަބަބުން ފުރަތަމަ އެ ކުއްޖާ އަށް ލިބުނު އަނިޔާތަކުގެ ހަޤީޤަތް ހާމަކުރަން ފަސްޖެހުނެވެ. ނަމަވެސް ފަހުން ކުއްޖާގެ އެހިތްދަތި ތަޖުރިބާ ކިޔައިދޭ ވީޑިއޯއެއް ކުއްޖާގެ މަންމަ ރިކޯޑްކޮށްފައިވެ އެވެ.

ވީޑިއޯގައި ކުއްޖާ ބުނެފައި ވަނީ އޭނަ އަށް ގަލަކާއި ދަގަނޑު ބުރިއަކުން އަނިޔާކޮށްފައި ފަހުން ގެއެއްގެ ޓެރަސްމަތިން އެއްލާލީ ކަމަށެވެ. މަރުވި ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ ކުއްޖާއާ އެއް ޢުމުރުފުރައެއްގެ އަވައްޓެރި ކުދިންތަކެއްގެ ފަރާތުން ކަމަށާއި އެ ތަނުން އެއް ކުއްޖަކީ ކުއްޖާއާ ދެބޭންގެދަރި ކުއްޖެއް ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ
.
އިންޑިއާގެ ޔަވާން ގުނާވެރިންގެ މައްސަލަތަށް ބެލުމަށް ޚާއްސަ ޖުވެނައިލް ޖަސްޓިސް ބޯޑުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ހައްޔަރުކޮށް ސުވާލުކުރުމަށް ފަހު އާއިލާތަކާ ހަވާލުކޮށްފަ އެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ވަނަ ކުއްޖާ ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ.

ފިރިހެން ކުއްޖާގެ އެތެރެހައްޓަށް ލިބިފައިވާ އަނިޔާތަކާ އެއްގޮތް އަނިޔާތައް، 2012 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލި ދިއްލީ ނިރްބަޔާ ކޭހުން ވެސް ފާހަގަކުރެވިފައި ހުރި ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.