Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

އައްޑޫ މީޑިއާ ސެންޓަރުން ވައްކަންކޮށްފި

މިޑިއާ ސެންޓަރުގެ ތެރޭގައި ވަގު ހަރަކާތްތެރި ވަނީ.

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައިގެން އެތަނަން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ހިތަދޫގައި ހުންނަ އެ އޮފީހުން ހުކުރު ދުވަހު މެންދުރު ފަހު ކުރި ވައްކަމުގައި އެ އޮފީހުން ލެޕްޓޮޕަކާއި ޕްރިންޓަރެއްގެ އިތުރުން އޮފީހުގައި ހަރުކުރަން ބަހައްޓާފައި އިން އޭސީއެއް ވެސް ވަގަށް ނަގާފައިވެ އެވެ. ހިތަދޫ މީޑިއާ ސެންޓަރަށް ވަގަކު ވަދެ، އެތަނުގެ ތެރޭގައި ހަރަކާތްތެރިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ހިތަދޫ މީޑިއާ ސެންޓަރު ފަޅާލައިގެން ވައްކަންކުރި އިރު، އެތަނުގައި މަސައްކަތްކުރަނީ ނިއުސް ކާސްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެންމެ މީހެކެވެ. އަދި އެ އެ އޮފީހުގައި ސެކިއުރިޓީއެއް ވެސް ނުހުރެ އެވެ.

ވައްކަންކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގުރަމުންނެވެ.

ހިތަދޫގައި ފަހަކަށް އައިސް ވައްކަންކުރުން ވަރަށް ބޮޑަށް އިތުރުވެ، އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެ އެވެ. އަދި ފަހަކަށް އައިސް ވަގުން ރޯމާދުވާލު ވައްކަންކުރާކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

އެމްއެންޑީއެފްގެ ހިތަދޫ ފަޔާ ސްޓޭޝަން ހުންނަ މަގުގައި ހުންނަ އިމާރާތެއްގައި ހިންގާ މީޑިއާ ސެންޓަރަކީ ކުރިން ޓީވީއެމްގެ ހިތަދޫ ބިއުރޯ އާއި ދިވެހި ރާއްޖޭގެ އަޑުގެ އައްޑޫ އޮފީސްތައް ހިންގި ތަނެވެ. ދެހާސް އަށެއްގެ ކުރިން އެ މީޑިއާ ސެންޓަރަކީ ގިނަ އަދަދެއްގެ މުވައްޒަފުންނާ އެކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ތަނެކެވެ.

ނަމަވެސް އައްޑޫ މީޑިއާ ސެންޓަރާ އެކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ދައުލަތުގެ މީޑިއާ ސެންޓަރުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ހިންގުން ހުއްޓާލައިފަ އެވެ. އެ ބަދަލާ އެކީ މީޑިއާ ސެންޓަރުތައް ވީރާނާވެ، އެތަންތަނަށް ކޮށްފައި ހުރި ބޮޑެތި ހަރަދުތައް ބޭކާރުވެގެން ގޮސްފައިވެ އެވެ.