Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަމިއްލަ ވިޔަފާރިތަކަށް މާލީ އެހީ އަށް ހުޅުވާލައިފި

"ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ކޮވިޑްގެ ބަލިމަޑުކަމުގައި އާމްދަނީ އަށް އަސަރު ކުރި އަމިއްލަ ފަރާތްތަކަށް މާލީ އެހީ ދޭން އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ހިންގަމުން އަންނަ ޕްރޮގްރާމްގެ ތެރެއިން އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި އެހީގެ މަގުސަދަކީ ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް މާލީ އަދި ތަމްރީނުގެ އެހީ ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން އަށްއ ދާއިރާއަކުން 60،000ރ. އާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މި އެހީ ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީން ދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުވުން ހިމެނެ އެވެ.

އެހީދޭން ނިންމާފައިވާ ދާއިރާތަކަކީ ކާބޯތަކެތި އުފެއްދުމާއި އަތްތެރި މަސައްކަތާއި ބިއުޓީ އަދި މޭކަޕްކުރުމާއި ފޮޓޯގްރަފީ/ވީޑިއޯގްރަފީ އާއި ފެހުން/ޓެކްސްޓައިލްސްގެ މަސައްކަތްތަކާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ކްރިއޭޓިވް އާޓްސް/މިއުޒިކް އަދި ކުޅިވަރާއި ފިޓްނަސް އެވެ.

މިނިސްޓްރީން ބުނީ މި ދާއިރާތަކުން އަމިއްލަ ވިޔަފާރިތަކަށް ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

މި އެހީ އަށް މިނިސްޓްރީގެ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ. އެޕްލިކޭޝަންގެ ސުންގަޑި އަކީ މި މަހުގެ 31 އެވެ.