ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހް ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ފަހުގެ އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 މެނޭޖްކޮށް، އިޤްތިސާދީ ހާލަތު ކުރިއެކޭ އެއްހަމަޔަކަށް އިއާދަކުރުމުން ރާއްޖެ ވަނީ އެހެން ޤައުމުތަކަށް ނަމޫނާ ޤައުމަކަށް ވެފައި ކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެސް ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަޙައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހް ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފައެވެ.