Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

އައްޑޫ ބަހުން ހުތުބާ ކިޔުމުން ހުއްދަ ހިފަހައްޓައިފި

މިދިޔަ މަހުގެ ތެރޭގައި އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުމުން މީދޫގެ ޚަތީބު މުހައްމަދު ރަޝީދު، ޚުތުބާ އަށް އުނިއިތުރު ގެނެސްގެން ކިޔާފައިވާ ކަމަށް ނިންމައި، އޭނަ އަށް ދީފައި އޮތް އިމާމުވެ ހުކުރު ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

މިނިސްޓްރީން ވަނީ ހުކުރު ނަމާދު އިމާމުވެ ކުރުމުގެ އިތުރަށް އޭނަގެ އީދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. ރަޝީދާ މެދު މި ފިޔަވަޅެއް އެޅުމުގެ ކުރިން ހުކުރު ހުބުތާ އުނިއިތުރުކޮށް އައްޑޫ ބަހުން ކީ މައްސަލާގައި ސަސްޕެންޑްކުރި އެވެ.

މިނިސްޓްރީގެ ނިންމުމާ ގުޅިިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު ރަޝީދަށް ފޮނުއްވި ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މިދިޔަ މަހު 2 ގައި މީދޫގެ "މަސްޖިދު އިބްރާހިމް މަޖުދުއްދީނު" ގައި އިމާމުވެ ހުކުރު ނަމާދުކުރެއްވީ ރާއްޖޭގައި އިމާމުވެ، ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންވެ އެ އުސޫލާ ހިލާފުވެފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން، ރަޝީދަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި މިނިސްޓްރީން އޭނަ އަށް ނަސޭހަތްތެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަޝީދު އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އޭނާ އަށް ދީފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.