Last Updated: July 23, 12:04
Thursday, July 23, 2026
ދުނިޔެ

ހެރީ އާއި މޭގަން އާ ގެއެއް ހޯދަނީ

އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އާ ގެެއެއް ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބޭފުޅުން ދަރިންނާ އެކު މިހާރު އުޅުއްވަމުން ގެންދަވާ ކެލިފޯނިއާގެ މޮންޓެސިޓޯގެ ގޭގެ ޖާގަ މިހާރު އާއިލާ އަށް ކުޑަވެފައިވާތީ އާ ގެއެއް ހޯއްދެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން މޮންޓެސިޓޯއާ 10 މޭލު ދުރުގައިވާ ހޯޕް ރާންޗް ކޮމިއުނިޓީން އާއިލާ އަށް މިހާރު އެކަށީގެންވާ ވަރުގެ ތަނަވަސް ގެއެއް ހޯއްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ސަންޓާ ބާބަރާ ނިއުސް ޕްރެސް އިން ބުނެފައިވެ އެވެ. ހެރީ އާއި މޭގަން އާ ގެއެއް ހޯއްދަވަން ފައްޓަވާފައި މި ވަނީ އެ ބޭފުޅުން މިހާރު އުޅުއްވާ ގޭގެ ސެކިއުރިޓީއާ މެދު ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ. އަދި އެކިއެކި މީސްމީހުން އެ ބޭފުޅުންނާ ފާރަލައި، ޕްރައިވެސީ އަށް ދަތިވާ މައްސަލަ ވަރަށް ބޮޑެވެ.

ދެހާސް އަށާރައިގައި ކައިވެނި ބައްލަވައިގަތުމަށް ފަހު، ހެރީ އާއި މޭގަން އިނގިރޭސީ ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި، އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ 2020 ގެ ކުރީކޮޅު އެވެ. ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން އަކީ އެމެރިކާގެ ލޮސް އެންޖެލިސް އަށް އުފަން ބޭފުޅެކެވެ.

ހެރީ އާއި މޭގަންގެ ދަރިކަނބަލުން ލިލިބެޓް ޑަޔާނާ މައުންޓްބެޓެން-ވިންޑްސާ އުފަންވެވަޑައިގަތީ ވެސް މިދިޔަ އަހަރު އެމެރިކާގަ އެވެ. އެ ބޭފުޅުންގެ ދޮށީ ދަރިކަލުންނަކީ މިހާރު އުމުރުފުޅުން ތިން އަހަރުގެ އާޗީ ހެރިސަން މައުންޓްބެޓެން-ވިންޑްސާ އެވެ.

ހެރީ އަކީ އިނގިރޭސި ތަހުތާ މިދިޔަ މަހު ހަވާލުވެވަޑައިގަތް ޗާލްސް ތިނެއްގެ ހަގު ދަރިކަލުންނެވެ.