Last Updated: June 29, 19:00
Monday, June 29, 2026
ކުޅިވަރު

ސްޓޭޑިއަމްގައި ލައިޓް ޖަހަން ލަންކާގައި އެދެފި

އަންނަ މަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖްކަޕްގެ ގްރޫޕް ބީގެ މެޗް ކުޅުމަށް ނިންމާފައިވާ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ލައިޓިން ޖެހުމުގެ މަސައްކަތަށް ސްރީލަންކާ ސަރުކާރުގެ އެހީއަށް އެދެފި އެވެ.

ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ޒޯން ސްޓޭޑިއަމްގެ ލައިޓިން ޖެހުމުގެ ކަންކަމުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް މިވަގުތު ލަންކާއަށް ގޮސް ސަރުކާރާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ލަންކާ ސަރުކާރުގެ ފުރިހަމަ އެހީ ލިބޭނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މަލީހް ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމް މުބާރާތަށް ނިމިފައި ހުންނަ އިރު ހުންނާނީ ލައިޓް ހަރު ކުރެވި ޒަމާނީ ފެންވަރުގައި ކަމަށެވެ.

އޭއެފްސީ ޗެލްންޖް ކަޕްގެ އެންމެ ފަހުގެ ތައްޔާރީ ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަލީހް ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ބެލުމަށް މިހަފްތާ ފަހުކޮޅު މީޑިއާ ޓީމެއް އައްޑޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން މިހާރު ރާއްޖެއަށް އަންނަ ފަރާތްތަކާއި، ފުރާ މީހުންގެ ޕާސް ޕޯޓްގައި ހާއްސަ ސްޓިކާއެއް ޖަހަން ވަނީ ފެށިފައި، އަދި މޯލްޑިވިއަންގެ ފްލައިޓްތަކުގައި އޭއެފްސީ ޗެލެންޖް ކަޕް ރަމްޒުކޮށްދޭ ގޮތަށް ލޯގޯ ކުރެހިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

HKNKMN

މަލީހް ވިދާޅުވީ މުބާރާތް އިޝްތިހާރު ކުރުމުގެ ގޮތުން އައްޑޫއާއި މާލޭގައި ބޮޑެތި އިޝްތިހާރު ބިލް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭ ފެށޭނެކަމަށެވެ. އަދި ގަލޮޅު ދަނޑާއި ހިތަދޫ ޒޯން ސްޓޭޑިއަމްއަށް ބޭނުންވާ ގޮޑި ހޯދުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި ދަނޑަށް ބޭނުން ވާ ގަސްކާނާވެސް މިހާރު ހޯދަމުން އަންނަ ކަމަށެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ހިޔާ ކުރަން ޖެހޭ ބައިގެ ބޮޑުބައެއް މިހާރު ހިޔާކޮށް ނިމިފައިވާ އިރު ޗޭންޖިން ރޫމް، ކޯޗް ރޫމް، މީޑިއާ ރޫމް ފަދަ ތަންތަނުގެ އެތެރޭގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.

އަދި ދަނޑުގެ ވިނަ ގަނޑު ކޮށާ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީގެ) ފަރާތުން ވަނީ ފަށާފައެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް އަމާރާތް ކުރުމުގެ ކޮންޓްރެކްޓަރ އަމީން ކޮންސްޓްރަކްޝަނުން ބުނީ މަސައްކަތް ނިންމަން އެއްބަސްވި ގޮތަށް މިމަހުގެ 22 ވަނަ ދުވަހު ޔޫތު މިނިސްޓްރީ އާއި ސްޓޭޑިއަމް ހަވާލު ކުރެވޭނެކަމަށެވެ.