Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ޒަޔާންގެ ގާތިލުންނަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަނީ

މިދިޔަ ޖޫން މަހު އައްޑޫ ފޭދޫގައި މުހައްމަދު ޒަޔާން މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާކުރުމާ މެދު މި ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އެތަނުން ނުދެ އެވެ.

ފޭދޫ ސޮލިޑް، ޒަޔާން، 21، މަރާލީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ މެންދަމު އޭނާ ދިރިއުޅޭ ގެއަށް ގްރޫޕެއްގެ ބަޔަކު ވަދެ، ހިންގި މާރާމާރީއެއްގަ އެވެ. ޒަޔާން މަރުވީ އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗެހިދިން ހަމަލާތަކާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެ މަރާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ މަރާ ގުޅިގެން ފުލުހުން ފެށި ތަހުގީގުގެ ތެރޭގައި ތަހުގީގށް ހުރަސްއަޅާކަމުގެ ތުހުމަތުގައި ޖުލައި މަހުގެ ކުރީކޮޅު ވެސް މީހަކު ހައްޔަރުކުރި އެވެ.

ނަމަވެސް ޒަޔާންގެ މަރާ ގުޅިގެން ހައްޔަކުރި މީހުންނާ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.