އައްޑޫގައި އިމާރާތް ކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދެތިން މަހުގެ ތެރޭގައި ފެށޭނެކަމަށް ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާއި ދިމާކޮށް، ކުރި ނާރައި އޮތް ސިއްހީ ދާއިރާގެ ކަންކަން އިސްލާހް ކުރުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ ހިތަދޫގައި މިވަގުތު ހިދްމަތް ދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމާއި އެކު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭ ރައްޔިތުންނަށް "ނަތީޖާ" ފެންނާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން އެކުލަވާލި ސަދަން ހެލްތު ކޯޕަރޭޝަން (އެސްއެޗްއެސްސީ) ގެ މެނެޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ހުސެއިން ވިދާޅުވީ ހެލްތު މިނިސްޓްރީ މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމުގެ ހިތްވަރާއި ހަކަތަ މިހާރުގެ ހެލްތުގެ ޓީމްގައި އެބަ ހުރި ކަމަށާއި، ނަތީޖާ ދައްކަވާނެ ކަމަށެވެ.
އައްޑޫގައި އިމާރާތް ކުރަން އިއްލާން ކޮށްފައިވާ 100 އެނދުގެ ހޮސްޕިޓަލް އަޅަން ކިޔާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ހޮސްޕިޓަލް އެލުމުގެ އަމަލީ މަސައްކަތެއް ފެށިފައި ނުވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިތުރު ތިއޭޓަރަކާއި ވޯޑެއް ހެދުމަށް ބަޖެޓް ކުރެވިފައިވާއިރު ހޮސްޕިޓަލަށް ދާން އޮތް މަގުވަނީ ތާރު އަޅައި ހަދާފައެވެ.