Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މީޑިއާ ސެންޓަރު ފަޅާލި ވަގުގެ ބަންދަށް 15 ދުވަސް

މިޑިއާ ސެންޓަރުގެ ތެރޭގައި ވަގު ހަރަކާތްތެރި ވަނީ.

އައްޑޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރުން ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހައްޔަކުރި 32 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދިނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ވައްކަންކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދިނި އޭނަގެ މައްޗަށް އެހެން ވެސް ތުހުމަތަކާ އެކީގަ އެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހިތަދޫގައި ހުންނަ މީޑިއާ ސެންޓަރުން މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު ވަގަށް ނެގި ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭސީއަކާއި ލެޕްޓޮޕަކާއި ޓީވީއަކާއި ޕްރިންޓަރެއްގެ އިތުރުން އިލެކްޓްރިކް ކުދިކުދި ބައެއް ސާމާނެވެ.

ފަހަކަށް އައިސް ހިތަދޫގައި ވައްކަންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އަދި މިހާރު ވަގުން އެއްވެސް ޖެހިލުމެއް ނެތި ރޯމާދުވާލު ވައްކަންކުރާކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

ފުލުހުން އަންނަނީ ވަގުންނަށް ފާރަވެރިވުމަށާއި ވަގަށް ނަގައިގެން ނުއަގުގައި ވިއްކާ ތަކެތި އާންމުން ނުގަތުމަށް ވެސް އިލްތިމާސްކުރަމުންނެވެ.