Last Updated: April 27, 11:49
Saturday, April 27, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(އެޕްރީލް 1، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

އޭނާ އަށް ވަނީ ރާއްޖޭގެ އެންމެ މޮޅު ފިލްމީ ބަތޮލާގެ އެވޯޑު ދެ ފަހަރަށް ލިބިފަ އެވެ. އަދި ސައިޑް ރޯލުން ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައި ހުރިހާ މީހުންގެ ހިތް އަތުލައިފަ އެވެ.

ރާމިޒް ކުއްލިޔަކަށް ބަލިވުން ވެގެން ދިޔައީ އޭނާގެ ފިލްމީ މަސަކަތަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައި ކަމަކަަށެވެ. އެ ހުއްޓުމަކީ އޭނާގެ ލިޔުންތަކަށް ވެސް އައި ހުއްޓުމެކެވެ. އޭނަގެ ހުރިހާ ވަގުތެއް ވެސް އޭނާ ހޭދަ ކުރީ ރާމިޒް ކައިރީ ރާމިޒަށް ޙިދުމަތް ކުރުމުގަ އެވެ. ވަފާތެރި ހިދުމަތްތެރި އަންބެއްގެ ގޮތުގަ އެވެ.

ކުއްލިަކަށް ހީނާގެ ކޮޓަރީ ދޮރު ހުޅުވާލި އަޑަށް އޭނާގެ ހިޔާލީ ދުނިޔެއިން އެނބުރި އަ އެވެ. އަދި އެނބުރި ބަލާލި އެވެ. ހީނާ ހިނިތުންވެލި އެވެ. ހީވީ އެ އައި މީހާއަކީ އޭނާ އިންތިޒާރު ކުރަމުން ދިޔަ މީހާހެންނެވެ. އެއީ އޭނާގެ އެސިސްޓެންޓް އުލްފަތު އެވެ.

އުލްފަތަކީ ވެސް ވަރަށް ރީތި މެދު އުމުރުގެ އަންހެނެކެވެ. އަދި ސްކޫލެއްގެ ޓީޗަރެއް ވެސް މެ އެވެ. ނަމަވެސް ހީނާގެ އެސިސްޓެންޓެއްގެ ގޮތުގައި އުލްފަތު މަސައްކަތް ކުރާތާ މިހާރު ފަނަރަ އަހަރުވީ އެވެ. ހީނާގެ އޮފީހުގެ ހުރިހާ ޒިއްމާއެއްހެން އުފުލަނީ އުލްފަތެވެ. އުލްފަތުއަކީ އަސްލު ލަންކާ ކުއްޖެކެވެ. ހީނާ ލަންކާ އިން ގެއެއް ގަނެގެން އުޅުނު އިރު އުލްފަތު އާއި ކުދިން ވެސް ވަނީ ލަންކާގައި ހީނާ އާ އެކުގައެވެ.

ހީނާ ގިނަ ފިލްމިތަކެއްގައި އޭރު ސޮއި ކުރި އެވެ. ނަތީޖާއަކަށްވީ ގިނަ ވަގުތު ހީނާ ބޭރު ގައުމުތަކުގައި އުޅެން ދިމާވުމެވެ. ކައިރީގައި ހުރީ އުލްފަތު އެވެ. އުލްފަތު ވެސް އެ ދުވަސްކޮޅު މީހަކާ ރައްޓެހިވި އެވެ. ނަމަވެސް ކައިވެންޏަކަށް އެއްބަހެއް ނުވި އެވެ.

ސަބަބަކީ ހީނާގެ ވަޒީފާ އަށް އޭނާގެ ހިތުގަ އޮތް އިހްތިރާމާއި ލޯބި އެވެ. ޙާއްސަކޮށް ހީނާއަކީ އޭނާގެ ވެރިޔާ އަށް ވުރެ ގާތް މީހެއް ކަމަށް އޭނާ ދެކެ އެވެ. ޙުދު ހީނާ ވެސް އެހެން މުވައްޒަފުންނަށް ވުރެ އުލްފަތު މާ ގާތްކޮށްގެން އުޅެ އެވެ.

ހީނާގެ ކުދިންނާ މެދު ވެސް އުލްފަތު ދެކެނީ އޭނާގެ އަމިއްލަ ކުދިންގެ ގޮތުގަ އެވެ. ނަތީޖާއެއްގެ ގޮތުން ކުދިން ވެސް އުލްފަތަށް ކިޔަނީ ކުޑަމަންމަ އެވެ.

ކުދިން ބެލުމުގެ އިތުރަށް އުލްފަތު ވަރަށް ހުށިޔާރުކަމާ އެކު ހީނާގެ ސެކްރެޓެރިއެެއްގެ މަގާމު ވެސް އަދާ ކުރެ އެވެ. އުލްފަތުގެ ހުށިޔާރުކަމާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުން ހީނާ ހުންނަނީ ވަރަށް ހަމަޖެހިފަ އެވެ.

ރާމިޒް ބަލި އެނދުގައި އޮތީއްސުރެ ވެސް ގޭތެރޭގެ ހުރިހާ ޒިންމާއެއްހެން ނަގަނީ އުލްފަތެވެ. ހޮސްޕިޓަލުގެ ކަންތަކާ އުޅުނީ ހީނާ އެވެ.

ރާމިޒް ނިޔާވުމުން ވެސް ހީނާގެ ހިތާމައިގެ އަމިއްލަ ފަރުދެއްހެން އުލްފަތު ބައިވެރި ވި އެވެ. އަދި ރާމިޒް ހިނަވާ ވަޅުލުމުގައި ވެސް ބޮޑު ބައެއް ވަރަށް އިހްލާސްތެރިކަމާ އެކު އުލްފަތު އަދާ ކުރި އެވެ.

ހުރިހާ ނަޒަރިއްޔާއަކުން ބެލިޔަސް އުލްފަތަކީ ހުރިހާ މުވައްޒަފުންނަށް ވުރެ ހީނާ އާ މާ ގާތް މީހަކަށްވެފައިވެ އެވެ. ހީނާ އަށް ލިބުނު ހުރިހާ ކާމިޔާބީއެއްގައި ވެސް އުލްފަތުގެ އަތެއް ވެ އެވެ. ހީނާ އުލްފަތާ މެދު ބަހައްޓާ އޯގާތެރި ގޮތުން އުލްފަތުގެ ހިތުގައި ވެސް ހީނާ އާ މެދު ޙާއްސަ ގަދަރެއް ވެ އެވެ.

"އަޅުގަނޑު ހިތަށް އެރީ މިއީ ސައި ގަޑިޔޭ އެހެންވެ ސައި ތަށްޓެއް ބޭނުންތޯ އަހާލަން މިއައީ." އުލްފަތު ދޮރު ހުޅުވާލަމުން ބުނެލި އެވެ.

"ނޫން…މިވަގުތަކު ބޭނުމެއް ނޫން. މި ފޮތް ލިޔަން ފެށުމާ އެކު ތަފާތު ޙިޔާލުތައް ގިނަވާތީ މި ލިޔެވޭ ވަރެއް ނޫން. ހީވާ ގޮތުން އަހަރެންނަށް މި ފޮތެއް ނުލިޔެވޭނެ." ބޮލުގައި އަތް ވިއްދާލައިގެން އިނދެ ހީނާ ފުން ނޭވާއެއްލާފައި ބުންޏެވެ.

"ނޫން ތިހެން ނުބުނުއްވާ. ތި ކަމަކީ ހީނާ ގަޔާވެގެން ކޮށްފިއްޔާ މާ އުނދަގޫ ކަމަކަށް ނުވާނެ." އުލްފަތު ހިތްވަރު ދޭ ރާގެއްގައި ބުންޏެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.