Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކެސީނޯ ހަދަން ފައި ނުނަގާތި، ރައްޔިތުން ނިކުންނާނެ

ސަލަފް ޖަމިއްޔާގެ އިސް ފަރާތްތަކެއް - ފޮޓޯ: މިހާރު

ރާއްޖޭގައި ކެސީނޯ ތައާރަފިކުރަން އެއްވެސް މީހަކު ފައި ނުނެގުމަށާއި އަބަދު ރައްޔިތުން ކެތްކޮށްގެން ތިބޭނެ ކަމަށް ނުދެކުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަލަފްގެ ރައީސް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކެސީނޯ ލައިސަންސް ދިނުމަށް ރާއްޖޭގެ އެއްވެސް ގަވައިދަކުން މަނާ ނުކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ސަލަފްގެ ރައީސް އަބްދުﷲ ވިދާޅުވީ ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާއި އުއްމަތުގެ އިޖްމާޢު އިން ޙަރާމް ކަމެއް ކަމަށާއި އެކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާން ނުވާ ކަމަށެވެ. އަދި އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާންމު ކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާފަދައިން، ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީ ވަކި ވަރަކަށެވެ. ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރާށެވެ. އެހާރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުންނެވެ." އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ ކެސިނޯއަކީ ޙަރާމް ޖުވާކުޅޭ އާލާތެއް ކަމަށާއި އެއީ މަސްބާނާން ގެންގުޅޭ އާލާތެއް ނޫން ކަމަށެވެ. އަދި އެއީ ދޮންވެލި ސާފުކުރާން އޮތް ބަތްޕޮޅިއެއް ވެސް ނޫން ކަމަށާއި އެހެންކަމުން ކެސިނޯ އަކީ ޙަރާމް އެއްޗެއްކަމާމެދަކު ޝައްކެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކެސިނޯއަކީ މުދަލެއް ނޫނެވެ. އެއީ މުޑުދާރު ކުންޏެވެ. މީސްތަކުންގެ މުދާ ފޭރޭ މެޝިނެވެ." އޭނާ ވިދާޅުވި އެވެ.