Last Updated: July 16, 16:37
Thursday, July 16, 2026
ޚަބަރު

ޖުވާ ހަލާލު ކަމަށް ގަބޫލުކުރާ މީހުން ތައުބާވޭ

ޖުވާ އަކީ ހަލާލު އެއްޗެއް ކަމަށް ގަބޫލުކުރާ މީހުން ތައުބާވާން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު ގޮވާލައިފި އެވެ.

އިޔާޒު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކެސީނޯ ލައިސަންސް ދިނުމަށް ރާއްޖޭގެ އެއްވެސް ގަވައިދަކުން މަނާ ނުކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އިޔާޒު ވިދާޅުވީ ޖުވާ އަކީ ޤުރްއާނާއި ސުންނަތުން އަދި އިޖްމާޢިން ޙަރާމް އެއްޗެއްކަން އެނގޭ ކަމަށެވެ. އަދި ކަނޑައެޅިގެން ޙަރާމް އެއްޗެއް ޙަލާލު އެއްޗެއްގެ ގޮތުގައި ޤަބޫލުކުރުމަކީ އެމީހަކު ދީނުންބޭރުވެދާ ފަދަ ނުރައްކާތެރި ކަމެއް ކަމަށާއި އެފަދަ ބޭފުޅުން ތައުބާވާންޖެހޭ ކަމަށް އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވީ ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަޤާމާއި ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތަން އޮންނަ ކަމަށާއި ކެސިނޯ ފަދަ ޙަރާމްކަމެއް ތަޢާރަފްކުރަން ގޮވާލާފައިވާ ބޭފުޅަކު ހުވަޔާއި ޚިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭނެ ކަމަށެވެ.

"ހުވަޔާއި ޚިލާފުވުމުގެ ކައްފާރާއަކީ 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުން. މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ ތިން ދުވަހު ރޯދަ ހިފުން." އިޔާޒު ވިދާޅުވި އެވެ.

އިޔާޒުގެ އިތުރުން ރާއްޖޭގައި ކެސީނޯ ތައާރަފްކުރަން އެއްވެސް މީހަކު ފައި ނުނެގުމަށާއި އަބަދު ރައްޔިތުން ކެތްކޮށްގެން ތިބޭނެ ކަމަށް ނުދެކުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.