ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ރަށުން ބޭރުގައި އިންޓަމިލާން އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމުން ބާސާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ތިންވަަނައިގަ އެވެ. ދެވަނައިގައި ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އިންޓަ އޮތްއިރު އެއްވަނައިގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ލީގުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ވިކްޓޮރިއާ ޕްލެޒެން އެވެ.
ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި ތިން މެޗު އޮތްއިރު، ބާސާ އިން ދެން ވެސް ކުޅޭނީ އިންޓައާއެވެ. އެ މެޗު އޮންނާނީ ބާސާގެ ދަނޑުގަ އެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ ހަކަން ޗަނޮނޮގްލޫ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި މެޗުގައި ވީއޭއާރުން ނިންމި ދެ ނިންމުމަކާ މެދު ބާސާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ބާސާގެ ޕެޑްރީ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބާސާގެ އަންސޫ ފާޓީގެ އަތުގައި ޖެހިފައިވާތީ އެ ގޯލް ކެންސަލްކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ އިންޓަގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޑެންޒެލް ޑަމްފްރީސްގެ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ބާސާ އަށް ޕެނަލްޓީ ދީފައެއް ނުވެ އެވެ. ރެފްރީގެ އެ ނިންމުމާ ގުޅިގެން ބާސާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނީ ރެފްރީ ނިންމާ ނިންމުންތައް ސާފުކޮށް ބުނެދޭންޖެހޭ ކަމަށާއި ކަންކަން ވެގެންދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށްވެސް ޒަވީ ބުންޏެވެ.