ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ފައިވާ ހަ ދައުވާއެއް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
އޭނަގެ މައްޗަށް ކުރީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއަކާއި، ޖިންސީ ގޯނާ ކުރުމުގެ ދައުވާއަާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެކެވެ.
މި ދައުވާތައް ކޯޓުން ބޭރުކޮށްލި އިރު، އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނަ މަގާމުން ވަކިކުރުމާ އެކީ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައި ވަނިކޮށް އަލީ ވަހީދު ރާއްޖޭން ފުރީ މިދިޔަ އަހަރުގެ 10 ގަ އެވެ.
އޭނަގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.