ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ރީތި ސިފަތައް އަށަގެންނެވުމަށްޓަކައި ޓީޗަރުން ދަރުވަރުންނަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެފައިވާ ބައެއް ކަމަށެވެ. އެހެންވެ ޓީޗަރުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމައާ އަކީ ޓީޗަރުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުން ވެސް ދަރިވަރުން ނަމޫނާ ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދަރިވަރުންގެ ދިރިއުޅުމުގައި، އެ ކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެ ކުދިންނާ ބައްދަލުވާ ޓީޗަރުންނަކީ އެ ކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ބަޔަކަށްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
އެކަމަނާ ވިދާޅުވީ ދުނިޔެ ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުން އަންނަ އިރު ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ވެސް ގެންނަން ޖެހެ އެވެ. އެގޮތުން ކުރިން ޗޯކާއި ބޯޑުން ފުދުނުކަމުގައި ވިޔަސް މިއަދުގެ ދަރިވަރުންނަށް ބޭނުން ވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީ އާއި، އުފެއްދުންތެރިކަމުގެ ހުނަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިން ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދިނަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައި ވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަން ކަމަށް ވިދާޅުވި އެވެ.
"ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން. މިކަން ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރުކޮށް ދެއްވައިފި،" މިނިސްޓަރު ވިދާޅުވި އެވެ. "ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކުލާހުގެ ހަތަރުފާރުން ބޭރުވެ ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސް ނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ."
މި އަހަރުގެ ޓީގެޗަރ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅަފައި ވަނީ،"ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިންސް ވިތު ޓީޗާ" އެވެ.