އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ މެރިން ސަރވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސްއާއެކު ޕަރޓްނަޝިޕެއް ގާއިމުކޮށްފި އެވެ.
މި ޕާޓްނަރޝިޕް އިޢުލާންކޮށްފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، މޮހަމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލް ޙަމާދީގެ އިތުރުން ދެ ކުންފުނީގެ މެނޭޖްމަންޓުގެ ހާޒިރުގައި އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ.
އުރީދޫން ބުނީ މި ޕާޓްނަރޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަރ މުވާސަލާތީ ޙިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް އަލް-ހަމާދީ ވިދާޅުވީ މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން، އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބަލައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.
ޖަލްބޫޓް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރޮއެސްޓާލީ ވަނީ މުޖުތަމަޢުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުންޏެއްގެ ހައިސިއްޔަތުން މި ޕަރޓްނަރޝިޕާއެކު ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ދަށުން މި ސްޓްރެޓީޖިކް ޕާޓްނަރޝިޕް ގާއިމްކުރެވިފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫ ގެ ޓުއަރިސްޓް ސިމް ކާޑު ލިބިގެންދާނެ އެވެ.
ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރ ދަތުރުތައް ކުރުން ފަދަ ޙިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.