ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޗެލްސީން 3-0 އިން އޭސީ މިލާން ބަލިކުރިއިރު ޑެންމާކުގެ ކޮޕަންހޭގަންގެ މައްޗަށް 5-0 އިން މެންޗެސްޓާ ސިޓީން ކުރި ހޯދައިފި އެވެ.
ޗެލްސީން ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާނާއި ދެކޮޅަށް ނިކުތްއިރު މި މެޗުން އެޓީމު އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ. އެގޮތުން ރޭގެ މެޗަށް ނިކުތްއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ޗެލްސީ އަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ. މިލާނަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 24 ވަނަ މިނެޓްގައި ވެސްލީ ފޮފާނާ ވަނީ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން މިލާނުގެ ކްރުނިޗަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ޗެލްސީގެ ދެވަނަ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އަދި ރަހީމް ސްޓާލިން ދިން ޕާހަކުން މެޗުގެ 62 ވަނަ މިނެޓްގައި ޖޭމްސް ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗު ސިޓީން ރޭ އަމިއްލަ ދަނޑުގައި ކުޅެ ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު އެޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް އާލިން ހާލަންޑް އެވެ. މި ދެ ގޯލާއެކު އޭނާ މި ސީޒަނުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 19 އަށް އަރާފަ އެވެ.
ސިޓީގެ އަނެއް ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ކޮޕެންހޭގަން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަލްވަރޭޒް އާއި ރިޔާދް މަހްރޭޒް އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ބެންފީކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑުން ވަނީ 2-1 އިން ޝަހްތަރް ޑޮނެޓްކްސްކް ބަލިކޮށްފަ އެވެ. ޔުވެންޓަސް އިން 3-1 އިން މަކަބީ ހައިފާ ބަލިކުރިއިރު ބްރޫޝިއާ ޑޯޓްމަންޑުން ވަނީ 4-1 އިން ސެވިއްޔާ ބަލިކޮށްފަ އެވެ.