Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕް ތީމް ލަވައިގައި ނޯރާ

އަންނަ މަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ ތީމް ލަވައިގައި ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތުހީ ހިނަމައިގެން ނެރޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާދަމާ ރަސްމީކޮށް ލޯންޗްކުރަން ހަމަޖެހިފައިވާ ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ލައިޓް ދަ ސްކައި" ގެ ނަން ދީފައިވާ ލަވައިގެ ވާހަކަ ނޯރާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ބޮލީވުޑްގައި މަސައްކަތްކުރާ ފަންނާނަކަށް މިފަދަ ޝަރަފެއް ލިބިފައިވާތީ އިންޑިއާގެ ވަރަށް ގިނަ ބަޔަކު އެކަމާ އުފާކޮށް ނޯރާ އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ކަލާސް ޗެނެލުން ގެނެސްދެމުން އަންނަ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ 10" ގައި ޖަޖެއްގެ ގޮތުގައި މިހާރު ބައިވެރިވަމުން އަންނަ ނޯރާ އަކީ މިހާތަނަށް ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ އައިޓަމް ލަވަތަކުގައި ނެށުމުގެ ހުނަރު ދައްކާލައިގެން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރިއެކެވެ. އޭނަގެ މަގުބޫލު އައިޓަމް ލަވަތަކުގެ ތެރޭގައި ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ "ދިލްބަރް"، ފިލްމު "ސްޓްރީޓް ޑާންސާ" ގެ "ގަރްމީ"، އާއި ފިލްމު "ބަތުލާ ހައުސް" ގެ "އޯ ސާކީ ސާކީ" އާއި ފިލްމު "އިސްތިރީ" ގެ "ކަމަރިއާ" އަދި ފިލްމު "މަރްޖާވާ" ގެ "އޭކް ތޮ ކަމް ޒިންދަގާނީ" ހިމެނެ އެވެ.

މީގެ އިތުރުން މި މަހުގެ 25 ގައި ރިލީޒްކުރާ ފިލްމު "ތޭންކް ގޯޑް" ގެ "މަނިކެ" ލަވަ އަކީ ވެސް މިހާރު ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ ލަވައެކެވެ.

ނޯރާ އަށް ވޯލްޑް ކަޕް ތީމް ލަވައެއްގައި ހިއްސާވުމުގެ ފުރުސަތު ލިބުނު އިރު، މި ޝަރަފު ކުރިން ލިބުނު މަޝްހޫރު އަންހެން ފަންނާނުންގެ ތެރޭގައި ޖެނިފާ ލޮޕޭޒާއި ޝަކީރާ ހިމެނެ އެވެ. ވޯލްޑް ކަޕްގެ ތީމް ލަވަތަކުގެ ތެރެއިން 2010 ގެ މުބާރާތަށް ޝަކީރާއާ އެކީ ގެނެސްދިން "ވައްކާ ވައްކާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ މަހުގެ 20 އިން ޑިސެމްބަރު މަހުގެ 18 އަށެވެ.