Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ވީއައައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އެތަން ބޭނުންކުރަން މިއަދު ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އާ ރަންވޭ އަށް މިއަދު އެންމެ ފުރަތަމަ ޖެއްސީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖެއްސީ ހެނދުނު 7:20 ގަ އެވެ.

ވީއައިއޭއޭގެ ރަންވޭ އަކީ ކުރީގެ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. އެގޮތުން ޗައިނާގެ އެގްޒިމް ބޭންކްގެ ލޯނެއްގެ ދަށުން އާ ރަންވޭ ހެދީ އެ ގައުމުގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. ސަރުކާރުން 2015 ގައި ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 452 މިލިއަން ޑޮލަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓުތައް ކަމަށްޗާ އޭ380 ގެ ބޯޓުތަކަށް ޖެއްސޭނެ އެވެ. ރަންވޭ މިއަދު ބޭނުން ކުރަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20 އަށް ވުރެ މަތިވާނެ އެވެ. އަދި ބޯޓު ޖެއްސުމަށް ފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށް ވެސް ހައްލެއް ލިބިގެން ދާނެ އެވެ.

ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށުމާ އެކީ ކުރިން ބޭނުން ކުރަމުން އައި ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ.

އާ ރަންވޭއާ އެކީ މިއަދު ވަނީ "ނޫވިލު" ގެ ނަމުގައި ހެދި އާ ސީ ޕްލޭން ޓާމިނަލް ވެސް ހުޅުވައި ބޭނުންކުރަން ފަށައިފަ އެވެ.