ސްކޭމް ކޯލްތައް ހުއްޓުވުމުގެ ގޮތުން ކ. މާފުށީ ޖަލުގައި ޖޭމަރު ހަރުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަ އޮފް ޕޮލިސް ޔޫސުފް ލޫތު ޕީއެސްއެމްގެ "ރާއްހެ މިއަދު" ގައި ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ ގިނަ ނަންބަރުތަކަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުހުންނަ ނަންބަރުތަކެއް ކަމަށެވެ. އަދި އެފަދަ ނަންބަރުތަކަކީ ގިނަ ހާލަތްތަކުގައި ބިދޭސީންނަށް ނިސްބަތްވާ ނަންބަރުތައް ކަމަށާއި، އެފަދަ ޙާލަތުގައި އެމީހުން ދެނެގަނަންނަ އިރު، އެއީ އެތައް އަހަރެއް ކުރިން ރާއްޖެ ދޫކޮށް ގައުމަށް ގޮސްފައިވާ ބިދޭސީއަކަށްވާކަމަށް، ފުުހުން ބުންޏެވެ.
އެހެންވެ އެފަދަ ޙާލަތްތަކުގައި ފޯނުކުރާ މީހާ ހޯދަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން ލޫތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގެ ގޮތުން މާފުށީ ޖަލުން ފޯން ނުކުރެވޭނެ ގޮތް ހެދުމަށް ފުލުހުން އިސް ނަގައިގެން، ޖަލުގައި ޖޭމަރު ހަރުކުރުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާތައް ކުރެވި އެކަމަށް ހައްލެއް ހޯދަން މިހާރު މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ.
"ސެލް ލޮކޭޝަން މާފުށީ ޖަލު ދެއްކި ނަމަވެސް މާފުށީ އެ ސަރަހައްދަކީ ޓޫރިޒަމްގެ ވަރަށް މުހިންމު ސަރަހަދެއް. އެ ތަނުން ފޯން ކޯލް ނުކުރެވޭނެ ގޮތްތަކެއް ހެދުމަށްޓަކައި ޖޭމަރު ހަރުކުރުން. އެއީތޯ ޙައްލަކީ؟" ލޫތު ވިދާޅުވި އެވެ. "އެކަމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކުރެވި ހައްލު ގެނައުމުގެ މަސައްކަތްތައް ފުލުހުންގެ އިސްނެގުމުގެ މަތިން ކުރެވެމުންދާކަން ފާހަގަކޮށްލަން."
މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ބޮޑެތި ފައިސާ ހޯދާ މައްސަލާގައި ފުލުހުން ވަނީ، މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވެސް މިހާރު ފަށައިފަ އެވެ.